ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅައި މީގެކުރިން އިއުލާނުކޮށްފައިވާ ރަށްރަށާއި ބިންބިމާ އަދި ފަޅުތަކުގެ ލިސްޓުން ހަތް ތަނެއް އުނިކޮށްފިއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ރަށްރަށާއި ބިންބިމާ އަދި ފަޅު ކުއްޔަށް ދޫކުރުމަށް އޮންނަ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ލިސްޓަށް އެންމެފަހުން އިސްލާހު ގެނެސްފައި ވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.
މި ގަވާއިދުގެ ދަށުން ލިސްޓަށް ބަދަލު ގެނެސް 17 ރަށަކާއި ފަޅެއް ކުއްޔަށް ދޫކުރަން ކަނޑައަޅައި އޭރު ވަނީ އިއުލާނުކޮށްފައެވެ.
މި ލިސްޓުގައި ހިމެނެނީ ހދ، ށ، ރ، އއ، ވ، ގއ އަދި ގދ އަތޮޅުން އެއް ތަނެކެވެ. ޅ. އަދި ކ. އަތޮޅުން ދެ ތަނުގެ އިތުރުން ތ. އަދި ލ. އަތޮޅުން ތިން ތަން ދޫކުރުމަށް ވެސް އޭރުގެ އިއުލާނުގައިވެއެވެ.
މި ލިސްޓަށް އިއްޔެ ވަނީ އަލުން ބަދަލު ގެނެސްފައެވެ.
އުނިކުރި ތަންތަނަކީ:
- ކ. ހިއްމިޔާ ފަޅު
- ކ. އަތޮޅު ތިން ފަޅެއް
- ވ. އަތޮޅު ފަޅެއް
- ގއ. ބޭރުމައުއްޑޫ
- ގދ. ރާވެރިންކޮޅިހުއްޓާ
ލިސްޓުން މި ތަންތަން އުނިކުރި ނަމަވެސް މި ހަތް ތަން އުނިކުރި ސަބަބު ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.