ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ފަސް ލައްކައެއްހާ ގަސް އިންދާފައިވާ ކަމަށް މިނިސްޓްރީ އޮތް ޓޫރިޒަމް އެންޑް އެންވައިރަންމެންޓްއިން ބުނެފިއެވެ.
އެ މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ މިއަދުގެ ނިޔަލަށް އެ މަޝްރޫއުގެ ދަށުން ޖުމުލަ 498،968 ގަސް އިންދާފައިވާކަމަށެވެ.
ފަސް މިލިއަން މަޝްރޫއުގެ ދަށުން ޖުމުލަ 5،219،456 ގަސް އިންދުމަށް އެއްބަސްވުންތައް ވަނީ ހަދާފައެވެ.
މިނިސްޓްރީން ވަނީ މި މަޝްރޫއާ ގުޅިގެން ފަސް ފަރާތަކުން ގަސް އިންދުމަށް އެއްބަސްވެފައިވާ އަދަދުތައް އާއްމުކޮށްފައެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ފެށީ މިދިޔައަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. އެއީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ.