ނިމުނު މާޗް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކަ އިން މައްޗަށް އަރާފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނިމުނު މާޗް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 203،464 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މާޗް މަހުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 194،227 ފަތުރުވެރިންނެވެ. މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ މާޗް މަހުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 4.8 އިންސައްތަ އިތުރު އަދަދެކެވެ.
މިއަހަރުގެ ޖެނުއަރީ މަހުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 214،863 ފަތުރުވެރިންނެވެ. އަދި ފެބްރުއަރީ މަހު ރާއްޖެއަށް 214،091 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް 632،418 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 604،004 ފަތުރުވެރިންނެވެ. މިއަދަދާއި އަޅާ ބަލާއިރު މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 4.7 އިންސައްތަ އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން ޒިޔާރަތްކުރީ 73،997 ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާ އިންނެވެ. ރަޝިޔާއިން ޒިޔާރަތްކޮށްފައިވަނީ 66،933 ފަތުރުވެރިންނެވެ.65،404 ފަތުރުވެރިން ޒިޔާރަތްކޮށްގެން ލިސްޓުގެ ތިން ވަނައިގައި އޮތީ އިނގިރޭސި ވިލާތެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 838 ގެސްޓްހައުސް އާއި 157 ސަފާރީ އުޅަނދު އަދި 15 ހޮޓާ އަންނަނީ ހިންގަމުންނެވެ. ހޮޓާތަކުގައި 18،404 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 15،933 ފަތުރުވެރިން އަދި އެހެނިހެން ތަންތަނުގައި 445 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.