ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ ހަ ތަނެއް ބަންދުކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ފުލުހުން ބުނެފިއެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙުމަދު ނާއިފް ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް މައުލޫމާތު ދެމުން ވިދާޅުވީ މިހާތަނަށް މާލެއިން 60 އަށްވުރެ ގިނަ ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ ތަނެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ގިނަ ތަންތަން ބަންދުކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން މިމަހުގެ 15ވަނަ ދުވަހާ ހަމައަށް 14 ތަނެއް ބަންދުކުރެވިފައިވާ ކަމަށާއި އަދިވެސް މާލޭގައި ހަ ވަރަކަށްތަން އެކްޓިވް ކަމަށް ނާއިފް ވިދާޅުވިއެވެ. އަދި އެތަންތަން ބަންދުކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.
ނާއިފް ވިދާޅުވީ މިފަދަ ތަންތަން ބަންދުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ގޭގެ ބެހެނިވެރިން އިތުރުވުމާއި އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސް ޖެހުމާއި ގިނަ ބަޔަކަށް އެގްރިމަންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަން ޖެހޭ ފަރާތް ދެނެގަތުމުގައި ހުރި ގޮންޖެހުންތައް ކަމަށެވެ. އަދި އެންމެ ބޮޑު ޗެލެންޖަކީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު މިހާރު އޮތްގޮތުން ހުރި ގޮންޖެހުންތައް ކަމަށާއި އެކަން ހައްކުރެވޭނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއެކު ކަމަށް ވެސް ވިދާޅުވިއެވެ.
މާލޭ ސަރަހައްދުން ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާ ތަންތަނުގެ ތެރެއިން ބަންދުކޮށްފައިވާ ތަންތަން:
- ކ.މާލެ/ ހ. ކޯލީފްލާވާ
- ކ.މާލެ/ ހ. އެމިނިޓީ
- ކ.މާލެ/ ގ.ޑްރޫޕް
- ކ.މާލެ/ މ.މާމުޓާ
- ކ.މާލެ/ މ.ފެންނިރު
- ކ.މާލެ/ ގ.ހިލާލް
- ކ.މާލެ/ ގ.ފްރެސްލައިޓް
- ކ.މާލެ/އެސްޓީއޯ އަހްމަދީ ބިލްޑިގް
- ކ.މާލެ/ މ.ނަފީސާ މަންޒިލް
- ކ. މާލެ/ ގ.ސެންޓުގެއާގެ
- ކ.މާލެ/ މ.ރޯޝަނީމަންޒިލް
- ކ. މާލެ/ މ.ރޫބީ
- ކ. މާލެ/ މ.ތަންތާރަ
- ކ. މާލެ/ މ. އޯކިޑުހައުސް ހުޅަނގުބައި
ނާއިފް ވިދާޅުވީ ތަފާތު އެކި ގޮތްގޮތަށް ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން އޮޕަރޭޓްކުރާ ކަމަށެވެ. އެގޮތުން، ގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހަކު ހުންނަ ނަމަ އޭނާއަށް މަހުން މަހަށް ފައިސާ ލިބޭގޮތަށް ނުވަތަ މަސްތުވާތަކެތި ލިބޭގޮތަށް އެތަނުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތި ވިއްކުމުގެ ފުރުސަތު ދޭކަމަށާއި ކުށްކުރުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ގޭގެ ވެރިފަރާތައް ބިރު ދައްކައިގެން އެފަދަ ތަންތަން ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.