މި އަހަރުގެ މިހާތަނަށް ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަދަދު ހަތަރު ލައްކައަކަށްވުރެ މަތިވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކަށް ބަލާއިރު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކަށް 402,226 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 69 އިންސައްތައެވެ.
މި މަހުގެ 24 ނިޔަލަށް ދިވެހިރާއްޖެއަށް ޖުމުލަ 582,925 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އަދި އެ މުއްދަތުގައި އެވެރެޖުކޮށް ދުވާލެއްގެ މައްޗަށް 7,023 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4.4 އިންސައްތަ އިތުރު އަދަދެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރުގެ މި މުއްދަތުގައި 488,371 ފަތުރުވެރިން ރާއްޖެ ޒިޔާތް ކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި 558,236 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް ޗައިނާއިން 69,905 ފަތުރުވެރިން އައިސްފައިވާއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 12 އިންސައްތައެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,185 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 175 ރިސޯޓާއި 838 ގެސްޓްހައުސްގެ އިތުރުން 157 ސަފާރީ އާއި 15 ހޮޓާ ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 62,587 އެނދު އޮޕަރޭޓްކުރެއެވެ.