މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށްވުރެ ފަސް އިންސައްތަ އިތުރުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 569,119 ފަތުރުވެރިންނެވެ. އަދި އެ މުއްދަތުގައި އެވެރެޖުކޮށް ދުވާލެއްގެ މައްޗަށް 7,026 ފަތުރުވެރިން އައިސްފައިވެއެވެ.
އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.1 އިންސައްތަ އިތުރު އަދަދެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރުގެ އެ މުއްދަތުގައި 478,924 ފަތުރުވެރިން ރާއްޖެ ޒިޔާތް ކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި 541,471 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.
މި އަހަރު މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ 69.2 އިންސައްތަކަމަށްވާ 393,578 ފަތުރުވެރިން އައީ ރިސޯޓުތަކަށެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައީ ގެސްޓުހައުސްތަކަށެވެ. އެގޮތުން 144,645 ފަތުރުވެރިން ގެސްޓުހައުސްތަކަށް އައިސްފައިވާއިރު ހޮޓާތަކަށް 16,445 މީހުން އައިސްފައިވެއެވެ. ސަފާރީ އުޅަނދުފަހަރަށް އައީ 14,127 ފަތުރުވެރިންނެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގިތުން މިވަގުތު ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް ޗައިނާއިން 53,745 ފަތުރުވެރިން އައިސްފައިވާއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 12.1 އިންސައްތައެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,185 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 175 ރިސޯޓާއި 838 ގެސްޓްހައުސްގެ އިތުރުން 157 ސަފާރީ އާއި 15 ހޮޓާ ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 62,587 އެނދު އޮޕަރޭޓްކުރެއެވެ.