ކޯޓު އަމުރެއްގެ ދަށުން އިމިގްރޭޝަން ގެ ދެ އޮފިސަރަކަށް ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ފުރުން މަނާކޮށްފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅިގެނެވެ.
މީގެ އިތުރުން ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާނުގެ އާއިލާ މެންބަރެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ. ފުލުހުން އެކަން މިއަދު އިއުލާން ކުރި ނަމަވެސް ފުލުހުން ފޯން ހިފެހެއްޓިތާ މިހާރު ތިން ދުވަސް ވެއްޖެ އެވެ.
މި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ތިން އޮފިސަރުންނަކީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯގައި މަސައްކަތް ކުރާ އޮފިސަރުންނެވެ. މި ތިން މީހުންގެ ތެރެއިން ދެމީހަކަށް 10 ދުވަސް އަދި އަނެކަކު ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އޭގެ އިތުރުން ޝައްމާން ވެސް ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައި ވެއެވެ.
ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.