ފުވައްމުލަކުގައި ފުލުހުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ވެހި ރައްކަލް" އިން އަތުލައިގަތް މީހުންގެ ތެރެއިން ދެ މީހަކަށް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން ދައުވާ ކޮށްފިއެވެ.
އެ އޮފީހުން ބުނީ މި މައްސަލައިގައި ދައުވާކޮށްފައިވަނީ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދާއި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29، ގެ މައްޗަށެވެ.
އާޒިމް އިސްވެ ހުރެ ނިއުޝާދާ ދެ މީހުން މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމްކޮށް، އެ ތަކެތި ބާޒާރަށް ނެރުމަށް ހަރަކާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގުން އެނގޭ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.ޑީލަރުންނަށް މުސާރަ ދީގެން، މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބުތައް ވަކި ތަރުތީބަކުން ބަލަހައްޓާފައިވާކަން ތަހުގީގަށް އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި ނިއުޝާދާއި އާޒިމް ގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެދެ ދައުވާ އަކީ ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ބުނީ އާޒިމްގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ އުފުލީ މަސްތުވާތަކެއްޗާ ގުޅުންހުރި އެކި މީސްމީހުންގެ އެކައުންޓުތަކުން ޖުލައި 2019 އިން ފެށިގެން އޮގަސްޓް 2024 އާ ދެމެދު އޭނާގެ އެކައުންޓުތަކަށް ޖަމާކުރި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު އެ ފައިސާ އާޒިމްގެ އަތުގައި ބަހައްޓައި، ބޭނުންކޮށްފައިވާތީ ކަމަށެވެ.
ނިއުޝާދުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރީ ޕީޖީ އޮފީހުން ބުނިގޮތުގައި މަސްތުވާތަކެއްޗާ ގުޅުންހުރި އެކި މީސްމީހުންގެ އެކައުންޓުތަކުން ޖުލައި، 2019 އިން ފެށިގެން އޮގަސްޓް، 2024 އާ ދެމެދު އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު އެ ފައިސާ އާޒިމްގެ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.