ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ސަރުކާރުން އިފްތިތާހުކުރި "ހިޔާވެހި ފައިނޭންސިން" ސްކީމުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނެފައިވަނީ "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" ގެ ދަށުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ އިސްލާމިކް ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ފައިނޭންސިން ފެސިލިޓީތަކަށް އެދުމަށްޓަކައި "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ މުއްދަތު އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.
މި ލޯން ސްކީމަކީ މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކުރެވިގެން "ހިޔާވެހި ފައިނޭންސިންގ" ނަމުގައި އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް މިދިޔަ ނޮވެމްބަރު މަހު އިފްތިތާހު ކޮށްފައިވާ ޕްރޮގްރާމެކެވެ.
ލޯން ސްކީމްގެ ދަށުން ތިން ބާވަތެއްގެ ލޯން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ތިން ބާވަތުގެ ލޯނަކީ:\
- ހިޔާވަހި ރަށްވެހި:
މި ލޯން ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށް ހަމަ އެކަނި އަތޮޅު ތެރޭގެ ރަށްރަށުގައި ގެ ހެދުމަށެވެ. އެގޮތުން މި ލޯނަށް، މި ލޯނު ދޫކުރަނީ 25 އަހަރުން އަނބުރާ ދައްކާ ގޮތަށް %5 އިންޓަރެސްޓްގައެވެ.
- ހިޔާވަހި ސަހަރު:
މިއީ އާބަން ސެންޓަރުތަކުގައި ގެދޮރު އަޅަން ދޫކުރާ ލޯނެކެވެ. މި ލޯނު ދޫކުރަނީ 25 އަހަރުން އަނބުރާ ދައްކާ ގޮތަށް %5 އިންޓަރެސްޓްގައެވެ.
- ހިޔާވަހި ފުރަމާލެ:
މިއީ މާލޭ ސަރަހައްދުގައި ގެދޮރު ހަދަން ހާއްސަކޮށް ދޫކުރާ ލޯނެކެވެ. މި ކެޓަގަރީގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުގައި ގެދޮރު އިމާރާތްކުރުމަށް 6 މިލިއަން ރުފިޔާއާ ހަމައަށް ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ލޯނު ދޫކުރެވޭނެއެވެ. މި ސްކީމުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން ވެސް ލޯނު ދުކުރާނެވެ. އެގޮތަށް ދޫކުރާ ލޯނުގައި 6 މިލިއަން ރުފިޔާގެ އިތުރަށް އިތުރުކުރާ ކޮންމެ ބިމަކަށް 1 މިލިއަން ރުފިޔާ ލިބޭއިރު މިގޮތުން ޖުމްލަ ދޫކުރާނީ 10 މިލިއަން ރުފިޔާއެވެ.
މި ޕްރޮގްރާމްގެ މަގްސަދަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރަން ނުފެށިފައިވާ ނުވަތަ ފަށައިގެން ނުނިމި ހުރި ފަރާތްތަކަށް އެހީތެރިވުމެވެ.
ގެދޮރުވެރިކަމަށް ކުޑަ އިންޓްރެސްޓެެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.