Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައްޑޫ ސިޓީ

އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

ގިނަ ދުވަސްވުމުގެ ސަބަބުން ވީރާނާވެފައިވާ އައްޑޫ ލިންކްރޯޑު މަރާމާތުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި މި މަޝްރުއޫގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު، ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި މި މަސައްކަތާއެކު އައްޑޫ ފޭދޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އެ މަގުތަކުގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އާރުޑީސީން ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ލިންކް ރޯޑުގެ މަސައްކަތުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، 67.58 ކިލޯމީޓަރުގެ ސީ.ޓީ.ބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެ އެވެ.

މި މަސައްކަތްތައް އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 3 އަހަރާއި 11 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 829 މިލިޔަން ރުފިޔާއަށެވެ.

އައްޑޫ ލިންކް ރޯޑު ތަރައްގީކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާއިރު، އެމަގު ވީރާނާވެ ދުއްވާ އުޅަނދުތަކާއި މީހުންގެ ރައްކާތެރިކަން ކަށަވަރު ނުވާ ހާލަތަކަށް ގޮސްފައި ވާތީ އެ ސިޓީގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެ އެވެ. 2021 ވަނަ އަހަރު އޭރު އޮތް އެމްޑީޕީ ސަރުކާރުން މި މަގު ތަރައްގީކުރުމުގެ ނަމުގައި މަޝްރުއޫއެއް ފެށިނަމަވެސް، އެ މަޝްރުއޫގެ ދަށުން މާގިނަ މަސައްކަތްތަކެއް ކުރިއަކަށް ނުގެންދެ އެވެ.

2003 ވަނަ އަހަރު ތަރައްގީކޮށް ބޭނުންކުރަން ފެށި ލިންކް ރޯޑުގެ އެކި ހިސާބުތަކުގެ ތާރު ކަނޑައިގެން ގޮސްފައިވާއިރު މަގުތަކުގައި ވަޅު ގިނަ އެވެ. އައްޑޫ ލިންކް ރޯޑަކީ ބޮޑު އާބާދީއެއް ބޭނުންކުރަމުން އަންނަ މަގަކަށް ވީނަމަވެސް، މީގެ ވިއްސަކަށް އަހަރު ކުރިން އެ މަގު ހަދާފައި ވަނީ މިހާރާ ބަލާއިރު އާދައިގެ ގޮތަކަށެވެ.

މި ލިއުމާއި ގުޅޭ