މާލެ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާތައް ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
މި ނީލަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހުގައެވެ.
އެމްޕީއެލްއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ މުދާ ބެލުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައި ހުޅުވާލާނެއެވެ. އަދި މުދާ ބެލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެމްޕީއެލްގެ
އޮކްޝަން ޕޯޓަލް މެދުވެރިކޮށް އެދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިން ރަޖިސްޓަރީ ކުރުމަށްވެސް އެދިފައިވެއެވެ.
ނީލަން ކުރިއަށްދާނީ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އިން ފެށިގެން 27 ވަނަ ދުވަހުގެ މެމްދުރު ފަހު 2:00 އަށެވެ. ނީލަމުގައި ބައިވެރިވެވޭނީ އެމްޕީއެލްގެ
އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތަކަށެވެ.
އެމްޕީއެލްއިން ބުނީ ނީލަމަށް އަގު ހުށަހެޅުން ބަންދުވާނީ އެންމެ ފަހުން އަގު ހުށަހަޅާތާ 5 މިނެޓް ފަހުންކަމަށާއި އެ 5 މިނެޓުގެ ތެރޭގައި އިތުރު އަގެއް ހުށަހަޅައިފިނަމަ އިތުރު 5 މިނެޓް ދޭނެކަމަށެވެ.
އެކުންފުނިން އިތުރަށް ބުނީ ސްކްރެޕްގެ ގޮތުގައި ނީލަމުން ގަންނަ މުދާ ކްލިއަރ ކުރެވޭނީ ހަމައެކަނި ރީ-އެކްސްޕޯޓް ކުރުމަށް ކަމަށާއި، މުދާ ކްލިއަރ ކުރުމަށް 10 ދުވަހުގެ ހިލޭ ސްޓޯރޭޖް މުއްދަތެއް ދޭނެކަމަށެވެ. އަދި މި ނީލަމުގައި ނުވިކޭ މުދާ ދެވަނަ ފަހަރަށް ނީލަން ކިޔާނަމަ، އެކަން އިއުލާން ކުރާނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލްގައި ކަމަށްވެސް ބުނެފައިވެއެވެ.