މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސްޓޯރޭޖް ކެޕޭސިޓީ 5100 ޓީއީޔޫއަށް އިތުރުކުރެވިއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދައުލަތުގެ މީޑިޔާ، ޕީއެސްްއެމް އިން ގެނެސްދިން "ރޯދައަށް ތައްޔާރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އިލްޔާސް މުހައްމަދު ވިދާޅުވީ، އެންމެ ބޮޑު ޗެލެންޖަކަށްވީ މިދިޔަ އަހަރު ފެށުނުއިރު އެމްޕީއެލްގެ ސްޓޯރޭޖް ކެޕޭސިޓީ 3600 ޓީއީޔޫއަށް ވުމުންކަމަށެވެ. އެހެންނަމަވެސް މިއަހަރު އެ އަދަދު އިތުރުކޮށް މިހާރު ސްޓޯރޭޖް ކެޕޭސިޓީއަކީ 5100 ޓިއީޔޫ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ މިހާތަނަށް ނުލިބޭވަރުގެ ބޮޑު ކުރިއެރުމެއްކަމަށް އިލްޔާސް ފާހަގަކުރެެއްވިއެވެ.
" އަޅުގަނޑުމެންގެ މަސައްކަތުން މިހާރު 5،100 ޓީއީޔޫ މިހާރު ގާއިމުކުރެވިފައިވޭ، އެއީ ވަރަށް ބޮޑު ކުރިއެރުމެއް. މިއޮތް ހާދުވަހު ނުވާވަރުގެ ވަރަށް ބޮޑު ކުރިއެރުމެއް އެ ލިބުނީ. ދެން ރޯދައަށް ހާއްސަކޮށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނު. އޭގެތެރޭގައި ފާހަގަމިކޮށްލެވެނީ، އަޅުގަނޑުމެން މިހާރު ބޭނުން ކުރަމުން މި އަންނަ ގުދަން މި ހާއްސަ ކުރަނީ ރޯދަމަހަށް މި ގެންނަ ޕެރިޝަބަލް ކާގޯއަށް" އިލްޔާސް ވިދާޅުވިއެވެ.
މީގެއިތުރުން ރޯދައަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ ކަންކަން ކުރެވުނު ކަމަށާއި އެގޮތުން މިހާރު ބޭނުންކުރަމުންދާ ގުދަން ރޯދަމަހަށް ގެންނަ ޕެރިޝަބަލް ކާގޯ ރައްކާ ކުރާ ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހެނިހެން މުދާ ހުޅުމާލެއަށް ބަދަލުކޮށް އެތަނުން ކްލިއާރ ކުރާގޮތަށް ބަދަލުކުރެވިފައިވާކަމަށާއި އަދި ޔާޑު ސަރަހައްދުގައި އިތުރު ގޭޓެއް ހުޅުވާ އެތަނުން ވެސް މުދާ ކްލިއާރ ކުރެވޭގޮތަށް ބަދަލުކުރަން ތައްޔާރުވެފައިވާކަމަށް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް އިތުރަށް ވިދާޅުވިގޮތުގައި ރޯދަމަހަށް ހާއްސަކޮށް އެމްޕީއެލްއަށް މުވައްޒަފުން ވެސް އިތުރުކުރެވިފައިވެއެވެ. އެހެންކަމުން އެ ކުންފުނި އޮތީ މި މަހަށް ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.