ސްޓެލްކޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކުރާ ފިއުލް ސްޓޯރޭޖް ޑިޒައިންކޮށް ގާއިމް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ފަރާތުން ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީއެވެ.
އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (ރިޓަޔަރޑް) ޑީސީޕީ އަހުމަދު ސައުދީއެވެ.
މި ޓޭންކުތަކުގެ ސަބަބުން ސްޓެލްކޯއަށް ކަރަންޓު ބޭނުންވާ ގަޑިތަކުގައި އިތުރު ކެޕޭސިޓީއެއް ލިބި، ރައްޔިތުންނަށް އިތުރަށް އިތުބާރުހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފޭސް 2 ގައި ގިނަ އަދަދެއްގެ ރައްޔިތުންނަށް އަލަށް އާބާދުވެފައިވާތީ, އަދި މިހާރުވެސް ވަމުންދާތީ, މެދުކެނޑުމެއްނެތި ފަސޭހަ ކަމާއެކު ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.