ރަށްރަށުން މާލެއަށް ދަތުރުކުރާ ލޯންޗް އަދި ފެރީތަކަށް މާލޭ ހެންވޭރު ޓާމިނަލް އަދި ހުޅުމާލޭ ޓާމިނަލް ހުޅުވާލުމަށް އެމްޓީސީސީން ނިންމައިފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނެވެނީ ރަށްރަށުން މާލެއަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުންނެވެ. މިގޮތުން މާލެއާއި އަތޮޅުތަކާ ދެމެދު ލޯންޗް ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް މި ދެ ޓާމިނަލްގެ ބަނދަރު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމްޓީސީސީގެ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް ވަނީ އަންގާފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7978865 އަށް ގުޅުމަށް ވެސް ވަނީ އެދިފައެވެ.
މިހާރު އާންމު ގޮތެއްގައި ރަށްރަށަށް ދަތުރުކުރާ ލޯންޗްފަހަރު ކައިރިކުރަމުން އަންނަނީ ޖުމްހޫރީ މައިދާން ކުރިމަތީ ބަނދަރަށެވެ. ނަމަވެސް މި ބަނދަރަށް އެއްފަހަރާ ގިނަ އަދަދެއްގެ ލޯންޗްތައް ކައިރިކުރުމުގެ ސަބަބުން އަރާފައިބާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.
މި އައު ބަދަލާއެކު ލޯންޗް ފެރީތަކަށް އިތުރު ދެ ޓާމިނަލް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މީގެ ސަބަބުން ދަތުރުވެރިންނަށް ކުރިމަތިވަމުންދާ ގިނަ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.