Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ޤާނޫނު އަސާސީ އިސްލާހުކުރުމުގެ ބާރު އޮންނަނީ މަޖިލީހަށް: ނަޝީދު

ޤާނޫނު އަސާސީ އިސްލާހުކުރުމުގެ ބާރު އޮންނަނީ މަޖިލީހަށް ކަމަށް ލަފާކުރެވޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެބޭފުޅާއަށް ލަފާކުރެވިފައި އޮންނަނީ ޤާނޫނު އަސާސީ އިސްލާހުކުރުމުގެ ބާރު އޮންނަނީ މަޖިލީހަށް ކަމަށާއި ޤާނޫނު އަސާސީ ބަދަލުކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށެވެ. އަދި ޤާނޫނު އަސާސީ ބަދަލުކުރުމުގެ ބާރު އޮންނަނީ ސީދާ ރައްޔިތުންނަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައާ ގުޅިގެން ކަމަށް ޤަބޫލުކުރެވެއެވެ.

މި މައްސަލަގައި ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސޯސް ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނިނަމަވެސް އެމައްސަލަ ކުރިއަށް ގެންދަން ނިންމައި، ޖަވާބުދާރީ ވާން ދައުލަތަށް އިއްޔެ ވަނީ ފުރުސަތު ދީފައެވެ.

ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ އަލީ ހުސައިން ވ. އެޓާނީ ޖެނަރަލްގެ އޮފީހުގެ މައްސަލަ ކުރިއަށްގެންދިޔުމާ މެދު ފަނޑިޔާރުން ކުރެއްވި މަޝްވަރާއަށް ފަހު ފަނޑިޔާރުން ނިންމަވާފައި ވަނީ މައްސަލަ ކުރިއަށްގެންދިޔުމަށް ކަމަށާއި އަދި މި މައްސަލާގައި ހުށަހެޅި އިޖުރާއީ އިއުތިރާޒާ މެދު ފަނޑިޔާރުން ދެކޭ ގޮތް މައްސަލަ ނިންްމުމުގައި ހިމެނުމަށް ކަމަށެވެ.
ފަނޑިޔާރުން އެގޮތަށް ނިންމުމުން ވެސް ދައުލަތުން ވަނީ އިޖުރާއީ އިއުތިރާޒާ ގުޅޭގޮތުން ފަނޑިޔާރުން ނިންމެވި ގޮތެއް ދުރާލާ ދައުލަތަށް ފޮނުވޭނެ ގޮތެއް އޮތްނަމަ، އެކަން ކޮށްދެއްވުމަށް އެދިފަ އެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމުން ބަދަލެއް ނުކުރައްވަ އެވެ.

ޤާނޫނު އަސާސީ އިޞްލާޙުކުރެވޭ ގޮތް ޤާނޫނު އަސާސީގެ ބާރަ ވަނަ ބާބުގައި ބަޔާންކޮށްފައި އެބައޮތް ކަމަށާއި ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ނިންމި ނިންމުމެއް އިޖުރާއީ އުސޫލުތަކާއި އެއްގޮތައް އޮތްނަމަ އެމައްސަލައެއް ކޯޓުތަކަށް ނުބެލޭނެ ކަމަށް ދައުލަތް ތަމްސީލް ކުރެއްވި ވަކީލް ފާތިމަތު ހަލީމް ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ވިދާޅުވިއެވެ.

މައްސަލަ ކުރިއަށް ގެންދަން ފަނޑިޔާރުން ނިންމެވުމުން ދައުލަތުން ވަނީ ޖަވާބުދާރީވުމަށް ދިހަ ދުވަހުގެ މުހުލަތެއް ދެއްވުމަށް އެދިފައެވެ. ދައުލަތުން އެދުނު ގޮތައް ޖަވާބުދާރީވާން ދިހަ ދުވަސް ދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިންގެ ވަކީލެއްގެ ގޮތުގައި ވާހަކަދައްކަވަމުން މަހްފޫޒް ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ އެމެންބަރެއްގެ ގޮނޑި ގެއްލޭ ގޮތައް ޤާނޫނުއަސާސީއަށް ގެނައި ބަދަލަކީ ޤާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހި ރައްޔިތުންގެ ކިބައިގައި ދެމިއޮތުމުގެ އަސާސްއާއި ހިލާފު އިސްލާހެއް ކަމަށެވެ.

މަޖިލީހަށް ވެސް ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ އަސާސީ ސިފަތައް ނުގެއްލޭ ގޮތަށް ކަމަށާއި އެއާ ހިލާފަށް ގެންނަ އިސްލާހެއްގެ މައްސަލަ ޖުޑިޝަލް ރިވިއު މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އިއްޔެގެ އަޑުއެހުމުގައި އެމްޑީޕީން ވެސް ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ