މިއަހަރަށް ތާވަލުކޮށްފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފުރަތަމަ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
މިއަދު ކުރިއަށްދާ ބައި އިލެކްޝަންގައި 12 ދާއިރާތަކަށް ވޯޓުލުން ކުރިއަށްދާއިރު މީގެ ތެރޭގައި ދެ ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން ހިމެނެއެވެ.
ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާރު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ ފަސް ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ހުޅުވާލިއެވެ.
ނަމަވެސް 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބާއްވައެވެ.
ބައި-އިލެކްޝަންތައް ބާއްވަނީ:
- - ހދ. މަކުނުދޫ ކައުންސިލް މެންބަރު
- - ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި
- - ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- - ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- - ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- - ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- - ބ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- - އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- - ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- - ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- - ތ. ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
- - ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ މާފަންނު މަދަރުސާގައެވެ. އެގޮތުން ހަތަރު ވޯޓު ފޮއްޓެއް މާފަންނު މަދަރުސާގައި ބަހައްޓާފައިވެއެވެ. ބައި އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 16:00 އާ ހަމައަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.
އީސީން ބުނިގޮތުގައި މި އިންތިޚާބުގެ ރަސްމީ ނަތީޖާތައް މާދަމާ އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.