މިއަދުން ފެށިގެން އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރުން މަނާ ކުރުމާއިއެކު އެމެރިކާގައި ދިރިއުޅޭ ފަރާތްތަކަށް ޓިކްޓޮކް "ގެއްލިއްޖެއެވެ." ނަމަވެސް މާދަމާ އެމެރިކާގެ ވެރިކަމާއި ހަވާލުވާ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު ފެށުމާއިއެކު ޓިކްޓޮކް އަށް އިތުރު ފުރުސަތެއް ލިބުން ވަރަށް ގާތް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓިކްޓޮކް އަކީ ޗައިނާގެ ކުންފުންޏަކުން އުފައްދާފައިވާ އެޕްލިކޭޝަނަކަށް ވާތީ އެޕްލިކޭޝަން ބޭނުންކޮށް ޗައިނާ ސަރުކާރުން އެމެރިކާ މީހުންގެ ޒާތީ މައުލޫމާތު ހޯދާކަމަށް ބުނެ އެމެރިކާގެ ސެނެޓުން ޓިކްޓޮކް މަނާ ކުރުމަށް ގާނޫނެއް ފާސްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެގާނޫނުގެ ދަށުން ޓިކްޓޮކްގެ ވެރިފަރާތް ކަމަށްވާ ބައިޓްޑާންސް ކުންފުންޏަށް މަޖުބޫރުވީ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކާލާށެވެ. މުއްދަތު ހަމަވިއިރު ވެސް އެކުންފުނިން ޓިކްޓޮކް ވިއްކާ ނުލުމުން ގާނޫނުގައި ބުނެފައިވާ ގޮތައް ޓިކްޓޮކް އެމެރިކާގައި މަނާ ވީއެވެ.
އެމެރިކާގައި ޓިކްޓޮކް މަނާ ކުރުމަކީ އެމެރިކާ ރައްޔިތުންނަށް ލިބޭ ހިޔާލު ފާޅުކުރުމުގެ އަސާސީ ހައްގަށް އުނިކަން ލިބޭ ކަމެއްކަމަށް ބުނެ ޓިކްޓޮކް އިން ސުޕްރީން ކޯޓަށް ވެސް މައްސަލައެއް ހުށަހެޅިއެވެ. އަދި ޓިކްޓޮކްގައި ކޮންޓެންޓް އުފައްދާ އަށް މީހަކު ވެސް އެފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ސުޕްރީމް ކޯޓުން ބަލައެއް ނުގަތެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޓިކްޓޮކް މިހާރު އެމެރިކާގައި މަނާކޮށްފައި އޮތް ނަމަވެސް މާދަމާ ޓްރަމްޕް ވެރިކަމާއި ހަވާލުވުމަށްފަހު ޓިކްޓޮކް ބޭނުން ކުރުމުގެ ވަގުތީ ހުއްދައެއް ދިނުމަށް ރިޔާސީ ގަރާރެއް ނެރޭނެ ކަމަށް ބެލެވެއެވެ. ރިޔާސީ ގަރާރުގެ ދަށުން ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކާލުމަށް އިތުރު 90 ދުވަހުގެ މުހުލަތެއް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓިކްޓޮކްގެ ޗީފް އެގްޒެކެޓިވް ޝޯ ޒީ ޗޫ ވަނީ ދާދިފަހުން ޓްރަމްޕް އާއި ބައްދަލު ކޮށްފައެވެ. އަދި "ހައްލެއް ހޯދުމަށް އަހަރެމެންނާ އެކު ޓްރަޕްމް ކުރައްވާ މަސައްކަތައް ޝުކުރު އަދާކުރަން" ކަމަށް ޗޫ ވަނީ ވިދާޅުވެފައެވެ. ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރަން މާދަމާ ބާއްވާ ރަސްމިއްޔާތުގައި ވެސް ޗޫ ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.