އާއްމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝިއަލް މީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން ދިޔަ 39 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މީސްމީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި އަންހެން ހެދުން އަޅައިގެން މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ވީޑިއޯ އަޕްލޯޑް ކުރަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު މީސްމީޑިއާގައި ފާޅު ކުރިއެވެ. އެހެންވެ އެ މައްސަލަ ބަލަން ފުލުހުން ވަނީ ފަށާފައެވެ.
އެ އެކައުންޓާއި ގުޅިގެން ފުލުހުން ތަހުގީގެއް ފަށާފައިވާކަން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ހާމަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ބުނީ އާއްމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝިއަލް މީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން ދިޔަ 39 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ބަންދަށް ދީފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އާއްމު އިޖުތިމާއި މިންގަނޑުތަކާ ހިލާފު ވިޑިއޯތަކެއް އާއްމު ކުރަމުން ގެންދާ ނަބީލް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު މީގެކުރިން ވެސް ފުލުހުން ވަނީ އޭނާގެ މައްސަލައެއްބަލާފައެވެ. އެ ފަހަރު އޭނާ ވަނީ ބަރަހަނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައިގައި އެއް އަހަރު ދުވަހަށް ޖަލަށްލާފައެވެ.