ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކް ކުރުމަށް ސަރުކާރުން ނިންމާފައި ނުވާ ކަމަށާއި އެފަދަ މަޝްވަރާއެއް ވެސް ކޮށްފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޓިކްޓޮކާއި އެކްސް ޕްލެޓްފޯމް ބްލޮކް ކުރުމަށް ސަރުކާރުގެ ތެރޭގައި މަޝްވަރާ ފަށާފައިވާ ކަމަށާއި، އެކަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ވާހަކަ ދައްކަވަމުންނެވެ.
އެކަމާ ގުޅިގެން ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
އަދި ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކު ކުރުމަށް ސަރުކާރުން ނިންމާފައިނުވާ ކަމަށާއި، އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައި ވެސް ނުވާކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ގާނޫނުއަސާސީގެ އިންތަކާއި ހުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން ކަމަށެވެ.