Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރު

އިންޑިއާގެ 76 ސިފައިން ފޮނުވާލައިފި، ހެލިކޮޕްޓަރު ދުއްވާނީ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން: ސަރުކާރު

ރާއްޖޭގައި އޮޕަރޭޓުކުރާ އިންޑިއާ އަސްކަރިއްޔާގެ ދެ ހެލިކޮޕްޓަރު ދުއްވުމަށް ތިބި އެ ޤައުމުގެ ސިފައިން އަނބުރާ ފޮނުވައިލުމަށްފަހު ދެ ހެލިކޮޕްޓަރު އޮޕަރޭޓުކުރުމަށް ރާއްޖެއަށް ގެނައި މަދަނީންނަކީ އެ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުންޏަށް ނިސްބަތްވާ މީހުންކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިއާ ހުރިހާ ސިފައިން އަނބުރާ ފޮނުވައިލާ އެ ސިފައިންގެ ބަދަލުގައި މަދަނީން ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަނބުރާ ފޮނުވައިލި ސިފައިންގެ އަދަދާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޚާރިޖީވަޒީރު މޫސާ ޒަމީރު ވިދާޅުވީ އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރަމުން އައި ތިން ޕްލެޓުފޯމަކާއެކު ރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިއާގެ 76 ސިފައިން ފޮނުވައިލުމަށްފަހު އެމީހުންގެ ބަދަލުގައި އެ ޕްލެޓުފޯމުތައް އޮޕަރޭޓުކުރަން މަދަނީން ގެނެސްފައިވާ ކަމަށެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި އައި މަދަނީންނާ ގުޅޭ އިތުރު ތަފުސީލު ދެއްވަމުން ދިފާއީ ވަޒީރު ޣައްސާން ވިދާޅުވީ ފޮނުވައިލި ސިފައިންގެ ބަދަލުގައި 3 ޕްލެޓުފޯމުގެ ތެރެއިން ހެލިކޮޕްޓަރުތައް އޮޕަރޭޓުކުރުމަށް އައިސްފައިވަނީ އެ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމަށެވެ.

ޣައްސާން އިތުރަށް ވިދާޅުވީ ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ތެރެއިން އެއާ ކޯއަށް ބޭނުންވާ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތްކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ. ނަމަވެސް އޭރިއަލް ޕްލެޓްފޯމުގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވަނީ ކޮން ޕްލެޓުފޯމުތަކެއްކަން މިހާތަނަށް ނިންމާފައިނުވާކަމަށެވެ. ނަމަވެސް ސިފައިން ބޭނުންކުރާނެ އޭރިއަލް ޕްލެޓުފޯމުތަކާ ގުޅޭ ގޮތުން ވިސްނަމުންދާ ކަމަށެވެ.

ޚާރިޖީވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ ސިފައިން ފޮނުވައިލުމަށް ޤާއިމުކުރި އެއްބަސްވުން ނުވަތަ ލެޓާ އޮފް އެކްސްޗޭންޖުގެ ދަށުން މިހާރު ހުރި ޕްލެޓުފޯމުތައް އޮޕަރޭޓުކުރުމަށް ދިވެހި ސިފައިން ތަމްރީނުކުރުމުގެ ޖާގަ އޮންނާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ