ސަރުކާރު ކުންފުނި އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިންގ މިނިސްޓްރީއާއެކު މަޝްވަރާކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓެޔާރޑް އަޙްމަދު ސަޢުދީ، ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދުއާ ބައްދަލުކުރައްވާފައިވާކަމަށެވެ.
އަދި މި ބައްދަލުވުމުގައި އެމްޓީސީސީގެ މުވައްޒަފުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓެޔާރޑް އަޙްމަދު ސަޢުދީ މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު އާއި ބައްދަލުކުރައްވައިފި.
— Ministry of Housing, Land and Urban Development (@MHLUDmv) December 9, 2024
މި ބައްދަލުވުމުގައި އެމްޓީސީސީގެ މުވައްޒަފުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވޭ.@MTCCPlc pic.twitter.com/D5GUEBWZLO
މި މަޝްވަރާތަކުގެ އިތުރު ތަފްސީލު އެ މިނިސްޓްރީން ދީފައެއް ނުވެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ރައީސް ޑރ. މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ކަމެކެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާނީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކަމުގައި އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 (ފަންސާސް ހަ ބިލިއަން، ހަސަތޭކަ ސާޅީސް ހަތް މިލިއަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ. އަދި ސަރުކާރުން ސީދާގޮތެއްގައި 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު ހިންގުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.