އަމާޒަކީ 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ކުރިން އަތޮޅުތަކުގައި ގާއިމްކުރާ ހުރިހާ ޕޮއިންޓްތަކެއް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުން ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓާރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޝިމާދު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އޭނާ ވިދާޅުވީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ފ. ނިލަންދޫ، ގދ. ފަރެސްމާތޮޑާ އަދި ފުވައްމުލައް ސިޓީގައި ސެޓަޕް ގާއިމުކޮށް، 2026 ގެ ފެބްރުއަރީ މަހުގެ ނިޔަލަށް، ށ. މިލަންދޫ، ނ. މަނަދޫ، ބ. ތުޅާދޫ، ވ. ފެލިދޫ، ތ. ހިރިލަންދޫ، ރ. ދުވާފަރު، އއ. މަތިވެރި، މ. މުލައް، ދ. ކުޑަހުވަދޫ އަދި ލ. ގަމުގައި ސެޓަޕް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޝިމާދު ވިދާޅުވީ، މި މަޝްރޫއަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސަޕްލައިގެ ޝެޑްތަކުން ވިއްކާ ރޭޓުގައި މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުން ކަމަށެވެ. މި މަޝްރޫއު ފެށުމުގެ ކުރިން ދިރާސާއެއް ކޮށްފައިވާނެ ކަމަށާއި އެންމެ ބޮޑަށް މަސްވެރިން ހަރަކާތްތެރިވަނީ މާލެ ސަރަހައްދުގައި ކަމަށްވާތީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހުޅުމާލޭގެ ފިއުލް ސަޕްލައި ޝެޑުން މަސްވެރިންނަށް އެސްޓީއޯގެ ރޭޓުން ތެޔޮ ވިއްކަން ފަށާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަސްވެރިންނަށް ލުއިފަސޭހަ ގޮތެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެޔޮ ރައްކާކުރާ "ސްކިޑް" ޤާއިމުކުރުމުގެ މަޝްރޫޢު އިއްޔެ ވަނީ އިފްތިތާހްކޮށްފައެވެ.