އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މަރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި އެމްޑީޕީ އެކްޓިވިސްޓް އަލީ ސާޖިދުގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވާގޮތުގައި ސާޖިދުގެ ބަންދާމެދުގައި ގޮތެއް ނިންމުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ރޭގެ ވަގުތެއްގައި ގެންދިއުމުން އޭނާ 7 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސާޖިދު ހިންގި މާރާމާރީ ގައި އަނިޔާވެފައިވަނީ 47 އަހަރުގެ ދިވެހި އަންހެނަކަށެވެ. އޭނާއަށް ވަނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިކަމަށް އިއްޔެ ފުލުހުން މަޢުލޫމާތުދީފައެވެ.
މި މައްސަލައިގައި ހައްޔަރު ކުރި 32 އަހަރުގެ މީހާގެ ވަނަވަރު ފުލުހުން އާއްމުނުކުރި ނަމަވެސް "ދިޔަރެސް" އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މާރާމާރީ އާއި ގުޅިގެން ހައްޔަރު ކުރީ އެމްޑީޕީގެ އެކްޓިވިސްޓް ސާޖިދު އެވެ.