Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިން އަންނަ މިންވަރު

ފާއިތުވި އަހަރަށްވުރެ މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު %11.5 އިތުރު

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ހިނގަމުންދާ މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާ އަޅާބަލާއިރު %11.5 އިތުރުވެފައިވާކަން ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހަފުތާއަކު އެއްފަހަރު އެ މިނިސްޓްރީން އާންމުކުރާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 837،189 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 751،101 ފަތުރުވެރިންނެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު %11.5 ގެ އިތުރުވުމެކެވެ.

ޖަނަވަރީ މަހުގައި އަދި މާޗު މަހުގައިވެސް ފާއިތުވި އަހަރުގެ އެ މަސްތަކާ އަޅާބަލާއިރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 11 އިންސައްތައަށްވުރެ އިތުރުވިއެވެ. އަދި ފެބްރުއަރީ މަހުގައި އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 22.2 އިންސައްތައިން ފަތުރުވެރިން އައި މިންވަރު އިތުރުވިއެވެ.

މާޗު މަހުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ލޯ ސީޒަން ފެށުނު ނަމަވެސް މިހާތަނަށް ކޮންމެ މަހަކުވެސް ފާއިތުވި އަހަރަށްވުރެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން އޭޕްރީލު މަހުގައި 2.6 އިންސައްތައިން އިތުރުވިއިރު މޭ މަހުގެ މިހާތަނަށް 2.7 އިންސައްތައިން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ފާއިތުވި އަހަރުގެ އެ މަސްތަކާ އަޅާބަލާއިރު އިތުރުވެފައިވެއެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރީ ޗައިނާ ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައީ ރަޝިޔާއިންނެވެ. ތިންވަނައަށް އެންމެ ގިަނއިން ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ.

ރާއްޖޭގައި މިވަގުތު ހިންގަމުންދާ 181 ރިސޯޓުގެ ތެރެއިން 176 ރިސޯޓެއް އޮޕަރޭޓުކުރަމުންދާއިރު، ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓުހައުސްތަކާއި ސަފާރީތައް ހިމެނޭހެން ޖުމްލަ 1،193 ފެސިލިޓީއަކުން ފަތުރުވެރިންނަށް ޚިދުމަތްދެމުންދެއެވެ. އެއީ ޖުމްލަ 62،507 އެނދެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ޖުމްލަ 2 މިލިއަން ފަތުރުވެރިން ގެނައުމެވެ. އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި 9 ލައްކައާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުން އަމާޒު ހިފާފައިވާ އަދަދަށް ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް ބެލެވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް މި އަހަރުގެ ތިންވަނަ ކުއާޓާގެ ނިޔަލަށް ނިންމުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު އައު ޓާމިނަލް ބޭނުންކުރަން ފެށުމާއެކު މިހާރު ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށްވުރެ ގިނަ އެއާލައިންތަކުން ދަތުރުކުރަން ފަށައި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމުގައި ލަފާކުރެވެއެވެ.

މި ލިއުމާއި ގުޅޭ