ވޯޓު ކަރުދާސް ދެއްކުމާއި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގައިލުމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ތިން މީހުންވެސް ދޫކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން އިއްޔެ ކުރިއަށްދިޔަ ވަގުތު އޭގެ ތެރެއިން އެކަކު ހައްޔަރުކުރީ މާލެއިންނެވެ. އަދި ދެން ތިބި ދެމީހުން ހައްޔަރުކުރީ ގދ. ފޮޔޮރީންނެވެ.
ފުލުހުން ބުނި ގޮތުގައި މާލެއިން މީހަކު ހައްޔަރުކުރީ ވޯޓު ކަރުދާސް ދެއްކި މައްސަލައެއްގައެވެ. ވޯޓު ކަރުދާސް ދެއްކުމަކީ އިންތިޚާބާ ބެހޭ ޤާނޫނުގައި ކުށެއްކަމަށް ކަނޑައަޅައި އެކަމަށް ޖޫރިމަނާގެ އަދަބު ކަނޑައަޅާފައިވާ ކަމެކެވެ.
ފިޔޮރީން ދެމީހަކު ހައްޔަރުކުރީ ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގައިލައި ވޯޓުލުމަށް ހުރަސްއެޅުމުގެ ތުހުމަތުގަ އެވެ.
އެ ތިން މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި އިއްޔެގެ އިންތިހާބަކީ ބޮޑެތި މައްސަލަތައް މަދު އިންތިހާބެކެވެ.