މ. ދިއްގަރުގައި ހައުސިން ޔުނިޓުތަކެއް އިމާރާތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ، އަބްދުﷲ ޒިޔާދު އެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.
އެ މަޝްރޫއުގެ ދަށުން 1،000 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ފަންގިފިލާގެ 75 ފްލެޓު އިމާރާތް ކުރާނެ އެވެ. އޭގެ ތެރެއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި ހިމެނޭނެ އެވެ.
ސަތޭކަ ސަތާރަ މިލިއަން ރުފިޔާއަށް އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ގާތްގަނޑަކަށް 1،500 މީހުންގެ އާބާދީއެއް އޮންނަ ދިއްގަރުގައި ޒަމާނުއްސުރެ ގެދޮރުގެ ދަތިކަން ވަނީ ދިމާވެފަ އެވެ.
އެ މައްސަލަ ހައްލުކުރުމަށް، މި އަހަރުގެ ތެރޭގައި ދިއްގަރުގައި 75 ހައުސިން ޔުނިޓޫގެ މަޝްރޫއެއް ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މާޗު މަހު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމްޓީސީސީން ބުނީ މިއަދު ހަވާލުކުރި ހައުސިން މަޝްރޫއުތަކުގެ މަސައްކަތް ނިމުމާއެކު، ދިއްގަރުގެ ގެދޮރުވެރިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.