ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެން ނޫން ގޮތަކަށް ތަރައްގީގެ ޕްރޮޖެކްޓުތައް ކުރިޔަށް ގެންގޮސް މެނިފެސްޓޯ ތަންފީޒު ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފ. ނިލަންދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ތަރައްގީ ގެނައުމަށް ސަރަހައްދުތަކަކަށް ބަހާލައިގެން މަސައްކަތް ކުރުމަށް ރޭވިފައިވާއިރު، އެކަމަށް އެމަނިކުފާނު ގަދައަޅައި ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ހުރަސް އެޅޭނެ ހަމައެކަނި އޮތީ މަޖިލިސް ކަމަށެވެ. ބަޖެޓަށް ދަތި ކުރުމާއި، ސަރުކާރުން ހުށަހަޅާ ބިލުތަކަށް ފާޅުގައި ދެކޮޅުވެ އިދިކޮޅުން މަސައްކަތް ކުރާނީ އުނދަގޫކޮށް ޖެއްސުން ކުރުމަށްކަމުގަައި ރައީސް ވިދާޅުވި އެވެ.
"މަޖިލީހާއި ނުލައި ތަރައްގީތައް ކުރިޔަށް ނުގެންދެވޭނެ"ރައީސް
ރައީސް ވިދާޅުވީ ތަރައްގީއަށް ކުރާ މަސައްކަތުގަ އާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރުމުގައި ދުވަސްތައް ބޭކާރުވެގެން ނުވާނެ ކަަމަށެވެ. 2024 ވަނަ އަހަރުގެ ބަޖެޓަށް ހަނި ގޮތަކަށް ލިބުނު ފުރުސަތުގައި ހުށަހެޅި ކަންކަން އެމްޑީޕީން އުނިކުރީ އެމަނިކުފާނު ޕްރޮޖެކްޓުތަކުގެ އަމަލީ ސިފަ ގެންނާނެކަން އެނގޭތީކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެބޭފުޅުން ބޭނުން ގޮތަކަށް މަސްހުނިކޮށްފައި، ބަޖެޓު ފާސްކޮށްލީމަ ދެން އަޅުގަނޑުމެން ތިބޭނީ ތާށިވެފައި ނޫންތޯ؟ އަޅުގަނޑު ބޭނުމެއް ނޫން އެހެންވާކަށެއް" ރައީސް ވިދާޅުވިއެވެ.
ހެޔޮ ވެރިކަމަކާއި އެކު، ނަތީޖާ ނެރެން މަގު ހޯދުން އޮތީ ރައްޔިތުންގެ އަތް މަތީގައިކަމަށްވުމާއި އެކު އިންތިހާބުގައި މިކަންކަމަށް ވިސްނުމަށް ރައްޔިތުންނަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ. އަދި ސަރުކާރަށް އެއްބާރުލުން ނުދޭނެ މެމްބަރުންތައް މަޖިލީހަށް ހޮވިގެން އައުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރޭގެ ޖަލްސާގައިވެސް ރައީސް ތަކުރާރުކޮށް ގޮވާލެއްވީ ސިޔާސަތުތައް ތަންފީޒިކޮށް ވައުދު ފުއްދުމުގައި މެމްބަރުންގެ އެއްބާރުލުން ބޭނުން ވާތީ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށެވެ.