Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ވަހީދު

އަނިޔާވެރި ވަކިތަކުގެ ޝިކާރައަކަށްވީ އަންހެނުންގެ ބަޔާންތައް: ހިތް ކުދިކުދިވާ ފަދަ ވާހަކަތަކެއް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަތުން،--- ފޮޓޯ/ ދިޔަރެސް

ފާއިތުވި އަހަރު ޖޫން 11 ވަނަ ދުވަހުގައި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި އަހަރުތަކެއް ހުރުމަށްފަހު ރާއްޖެއަށް އައިސް މާލޭ ރަސްމީ ޖެޓީ ކައިރީ ހުރެ ނޫސްވެރިންނާ ކުރިމަތިލައި ދެއްކި ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަކީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާއަށް އަމާޒުކުރެވުނު ޖިންސީ ގޯނާކުރުމުގެ ގިނަ ތުހުމަތުތަކަކީ އުފައްދައިގެން ދެކެވުނު ޚިޔާލީ ވާހަތަކެއްކަމުގެ ވާހަކައެވެ. އެ ވާހަކައިގެ އަސްލެއް އޮތްނަމަ އޭނާއަށް ތުހުމަތުކުރި އަންހެނުންނަކީ ކޮން ބައެއްކަން އެނގެންވާނެ ކަމުގެ ވާހަކައެވެ.

ފުލުހުންގެ މުއައްސަސާގެ ތަހުގީގަށް ހާޒިރުވެ، އަލީގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވީ އަންހެނުން، ކެމެރާ ކުރިމަތީ ރެކޯޑުގައި ކިޔައިދިން ވާހަކަތަކުން ބައެއް ވާހަކަތަކާއި، އެ އަންހެނުންނަކީ ކޮން ބައެއްކަން މިހާރު ހާމަވެއްޖެއެވެ. އެ ވާހަކަތަކަކީ ބަޔަކު ހަދައިގެން ދެއްކި ޚިޔާލީ ވާހަކަތަކެއް ނޫންކަމާއި، އޭނާއަށް ތުހުމަތުކުރި އަންހެނުންނަކީ ހަމައެކަނި އަދަދުތަކެއްގެ ގޮތުގައި ހަވާސާއަށް އެއްލައިލެވޭނެ ބައެއް ނޫންކަން ހާމަވެއްޖެއެވެ. އެ ބަޔާންތަކުގައި އެހުރި ވާހަކަތައް ކިޔައިދިނީ ދިވެހި ޒުވާން އަންހެން ކުދިންތަކެކެވެ. އެކުދިން ކިޔައިދިނީ ދައުލަތުގެ ޒިންމާދާރު މަޤާމެއްގައި ހުރި މީހަކު އިންސާނުންގެ ދަރަޖައިން ނެއްޓި، ވެއްޓުނު ދަށު ދަރަޖައިގެ ވާހަކައެވެ. އަންހެނަކު އޭނާގެ އުމުރުގައި ދުވަހަކުވެސް ތަހައްމަލުކުރާނެ އެންމެ ބޮޑު ވޭން، ދިވެހި ދައުލަތުގެ ވަޒީރެއްގެ މަޤާމުގައި ހުރި މީހެއްގެ އަތްމަތީގައި އެޒުވާނުން ތަހައްމަލުކުރި ގޮތުގެ ވާހަކައެވެ.

އެވާހަކަތައް ކިޔައިލުމުން އެކުދިން އެންމެ ފުރަތަމަ އެވާހަކަތައް ހިއްސާކުރި ދުވަހު އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ ލޯފޮޅުން ކަރުނަފޮދު އޮހުނު ވާހަކައަކީ ތެދެއްކަމަށް ޤަބޫލުކުރެވޭހާވެއެވެ. ނަމަވެސް އެ ރައީސްގެ ވެރިކަމުގައި އެކުދިންނަށް އިންސާފު ހޯދައިނުދެއްވައި، ރާއްޖެ ދޫކޮށް ފިލައިގެންދެވޭނެ މަގު އަލީއަށް ފަހިކޮށްދީ، އަނބުރާ ރާއްޖެއަށް އާދެވޭނެ ރާސްތާ ކޮށައިދީ، އެ ރައީސްގެ ބާރު އޮތް ޕާޓީން އަލީގެ ސިޔާސީ ކެރިއަރު އަލުން ބިނާކުރަން ފުރުސަތު ފަހިކޮށްދިނުމާއެކު، އެ ކަރުނައިގެ ފަހަތުގައި އިންސާނިއްޔަތުކަމެއް، ތެދުވެރި ނިޔަތެއް އޮތްތޯ ސުވާލު އުފެދެއެވެ.

ޖިންސީ ފުރައްސާރައާއި ގޯނާ: ކުދި ގޯނާއިން އެންމެ ބޮޑު އަނިޔާއަށް

މި ލިޔުމުގައި އަލީގެ ޝިކާރައަށްވީ އަންހެނުންގެ ނަންތައް ނުހިމަނާނަމެވެ. ދެވަނަ ފަހަރަށް އަނިޔާވެރިކަމުގެ ޝިކާރައަކަށް ވިޔަނުދިނުމަށެވެ. ނަމަވެސް އެ އަންހެނުން ތަހައްމަލުކުރި ވޭނާއި އަލީ އެކުދިންނަށް ދިންކަމަށް އެޒުވާނުން ކިޔައިދޭ އަނިޔާގެ ވާހަކައަކީ މީގެ ކުރިން އާންމުންނަށް އެނގިފައިނުވާ ވާހަކަތަކެއްކަމަށްވާތީ އެވާހަކަތައް ހިއްސާކުރާނަމެވެ.

މި އަންހެންކުދިން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާންތައް މީސްމީޑިއާއަށް ފެންމަތިވުމާއެކު، ތަފާތު އެކި މަސްދަރުތަކުން އެ ބަޔާންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް "ދިޔަރެސް"އިން ކުރި މަސައްކަތުން މިހުރިހާ ބަޔާނަކީވެސް ފުލުހުންނަށް އެކުދިން ދިން ބަޔާންތަކެއްކަން ކަށަވަރުވެފައިވެއެވެ.

ލީކުވި ފުރަތަމަ ބަޔާނަކީ ޓުއަރިޒަމް މިނިސްޓްރީގެ ސިޔާސީ މަޤާމެއްގައި އެއިރު ހުރި އަންހެން މުވައްޒަފަކު ދީފައިވާ ބަޔާނެކެވެ. އޭނާގެ ބަޔާނުގައި ކިޔައިދީފައިވަނީ އަލީގެ ރަށް އއ.ތޮއްޑޫއަށް ކުރި ދަތުރެއްގައި މޫދަށް އެރިއުޅެނިކޮށް ހިނގި ހާދިސާއެކެވެ. އޭނާ ބުނި ގޮތުގައި އެދުވަހު މޫދަށް އެރިގެން އުޅެނިކޮށް އޭނާގެ ފަހަތުން އަލީ ވަހީދު އައިސް ކުރިމަތިފަރާތް އޭނާގެ ފުރަގަހުގައި ޖެއްސިއެވެ.

އޭގެ ފަހުން ވައިބާގެ ސީކްރެޓް ޗެޓް ބޭނުންކޮށްގެން އެކުއްޖާއަށް މެސެޖުކޮށް، ދައުލަތުގެ އިސް މަޤާމެއްގައި ހުރި މީހަކު މުވައްޒަފުންނާ ވާހަކަދައްކައިގެންނުވާނެ މޭރުމަކުން ވާހަކަދެއްކުމަށް އަލީ މަސައްކަތްކުރިކަމަށްވެސް އޭނާ ކިޔައިދިނެވެ.

ދެން އޭނާގެ ބަޔާނުގައި ކިޔައިދީފައިވަނީ ހުޅުމާލޭ އައިލެންޑް ހޮޓަލުގައި ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތިބި ދުވަސްވަރުގެ ވާހަކައެކެވެ. އަލީ އެހޮޓަލުގައި ހުރި ކޮޓަރިއަކީ އޮފީސް ބޭނުމަށް ނަގާފައިވާ ކޮޓަރިއެއްކަމަށް ބުނެ، އެހެން މުވައްޒަފުން ފޮނުވައިލުމަށްފަހު ކޮޓަރިއަށް އައުމަށް ބުނެ، ކޮޓަރިއަށް ގެންގޮސް އޭނާއަށް އަނގަބަހުން ޖިންސީ ފުރައްސާރަކުރި ގޮތުގެ ތަފުސީލުތައް އޭނާގެ ބަޔާނުގައި ކިޔައިދީފައިވެއެވެ.

"މިނިސްޓަރު އަޅުގަނޑުގެ ތުންފަތް ހާދަ ރީއްޗޭ، ތި މިނިސްޓާއަށް ވަރަށް ރީތި ކުއްޖެއްކަމަށާއި، އަޅުގަނޑުގެ ފޫކޮޅު ރީތިކަމަށާއި، އޮފީހުގައި އުޅޭއިރު އަޅުގަނޑު ހިނގާ ގޮތުން މިނިސްޓަރަށް ވަރަށް ގޮތްގޮތްވާކަމަށް ބުނެ ވާހަކަދެއްކި،" ކޮޓަރިއަށް ގެންދިއުމަށްފަހު އަލީ ދެއްކި ވާހަކަ ކިޔައިދެމުން އެޒުވާނާގެ ބަޔާނުގައި ބުނެފައިވެއެވެ.

އާންމު ދިވެއްސަކަށްވުރެ ހަށިގަނޑުން ބިޔަ، ދައުލަތުގެ ބާރުގަދަ މަޤާމެއްގައި ހުރި، ސިޔާސީ ގޮތުން "ފުންނާބު އުސް" އަޑުގަދަ މީހަކު މިފަދައިން މުޚާޠަބުކުރުމުން އެވަގުތު އެ އަންހެންކުއްޖާއަށް ކުރެވުނު އިހުސާސްތައް އޭނާ ކިޔައިދިނީ އޭނާގެ ހަށިގަނޑަށް އެ ވާހަކަތަކާ ގުޅިގެން އައި ބަދަލުތަކާއެކުއެވެ.

"އެވަގުތު މިނިސްޓަރު އެގޮތަށް ވާހަކަދެއްކުމުން އަޅުގަނޑު ބިރުން ހާސްވެގެން އަޅުގަނޑުގެ ދެއަތް ދެއަތަށް ފިއްތެން ފެށުނު،" ޒުވާނާ ބިރުން ދެއަތް ފިއްތަން ފެށުމުން އަލީ ބުނިކަމަށް އެ ޒުވާނާގެ ބަޔާނުގައި ބުނެފައިވަނީ "ހާދަ ލަދުން" ކަމަށެވެ.

އެވާހަކައަށްފަހު ދެން އެޒުވާނާއަށް އަލީ ދެއްކީ ކޮޓަރީގައި ހުރި އެނދެވެ. އެދުނީ އެކީގައި އޮށޯވެލާށެވެ. "ދެމީހުން އެނދުގައި ޖައްސާލައިގެން ތިބޭނީ،"ކަމަށް އަލީ ބުނިކަމަށް އެކުއްޖާ ކިޔައިދިނެވެ. ދެތިންފަހަރު އެހެން ބުނިކަމަށްވެއެވެ. އެކަމަށް އޭނާ އިންކާރުކުރުމުން އެޒުވާނާއަކީ "ވަރަށް ނުކުރޭ"، "ވަރަށް ގަޓުނެތް" މީހެއްކަމަށް ސިފަކޮށް، އެނދުގައި އަލީއާއެކު އޮށޯވެލަންވެސް ނުކެރުނުކަމަށް ބުނެ، އިއްފަތާއި އިއްޒަތް ހިމާޔަތްކުރީތީ މަލާމާތްކުރިއެވެ.

މިވާހަތަކަށްފަހުވެސް އަލީ ބޭނުންވި ކަންކަން އެޒުވާނާގެ ކިނބައިން ހާސިލުނުވުމުން އޭނާ ކައިރިއަށް އައިސް ބައްދާވެސްނުލާނެތޯ، ބޮސްނުދޭނެތޯ އެހިއެވެ. އެޒުވާނާގެ ނަސީބު ރަނގަޅުކަމުން އެވަގުތު އޭނާގެ ފޯނަށް އައި ކޯލަކާއެކު ކޮޓަރިން ނުކުމެގެން ދެވޭނެ ގޮތް މެދުވެރިވީއެވެ. ދެން ހުރި ބަޔާންތަކުގައި އަންހެނުންކުދިންނަށް ކުރިމަތިވިކަމަށް އެކުދިން ބުނާ ނިހާއީ އަނިޔާވެރިކަން ކުރިމަތިނުވެ ސަލާމަތްވީއެވެ.

އޮހޮރުނު ކަރުނައަކަށް ބެލުމެއް ނެތި ދިނީ ވަހުޝީ ހަމަލާ

ދެވަނައަށް ބަޔާންދިނީވެސް ޓުއަރިޒަމް މިނިސްޓްރީގެ ސިޔާސީ މަޤާމެއްގައި ހުރި ޒުވާން އަންހެނެކެވެ. އޭނާއަކީ އެއިރު އަލީ ވަހީދުގެ ޕާސަނަލް އެސިސްޓެންޓުގެ ޒިންމާތަކާވެސް ހަވާލުވެގެން ހުރި މުވައްޒިފެވެ. މި މުވައްޒަފާ އަލީ މުއާމަލާތްކުރަނީ މުޅިންވެސް ސީކްރެޓް ޗެޓުންނެވެ.

ރިސޯޓަކަށް ކުރި އޮފީސް ދަތުރެއްގައި އަލީ ވަކިން ބައްދަލުކުރަން އެދުމުން އެކަމާ ދެކޮޅުހަދައި އެ ރިސޯޓުގައި ހުރި ސްޓޭޓު މިނިސްޓަރަކާއެކު ބައްދަލުކުރެވިދާނެ ވާހަކަ ބުނުމުން އަލީ ވަރަށް ރުޅިއައިސްގެން އެޒުވާނާއާ ވާހަކަދެއްކިއެވެ. މިހުރިހާ ކަމެއް ހިނގީ އެއް މޭޒު ދޮށުގައި އެ އޮފީހުގެ އިތުރު މުވައްޒަފަކާއި ސްޓޭޓް މިނިސްޓަރަކާއެކު ކާން ތިއްބައެވެ. އެތަނުން ނިކުމެގެން އެކުއްޖާ ދިޔައީ އެ ރިސޯޓުގައި އޭނާ ހުރި ކޮޓަރިއަށެވެ.

މެންދަމުން 12 ޖެހިވެސް ފަހުން އެ ކުއްޖާ ހުރި ކޮޓަރީގެ ބެލް ޖަހައި ދޮރުގައި އަތުން ތަޅައި ދޮރު ހުޅުވަން ގޮވައިގެން އަލީ އެ ކުއްޖާ ލައްވައި ދޮރު ހުޅުވިއެވެ. އެކުއްޖާ ފާޚާނާގައި ހުރުމުން ދޮރު ހުޅުވުން ލަސްވެގެން "މިއީ މިނިސްޓާއޭ ދޮރުހުޅުވާ" ޖަހާފައިވާ އަލީ ފޮނުވީ މެސެޖެކެވެ. އޭނާ ދޮރު ނުހުޅުވައި ކެތްކުރީއެވެ. އެއް ގަޑިއިރު ދޮރުގެ ކޮޓަރީގައި އަލީ ޓަކިޖެހިކަމަށް އެ ޒުވާނާގެ ބަޔާނުގައި ބުނެފައިވެއެވެ.

ޓަކިޖެހުން ހުއްޓައިލުމުން އޭނާގެ ކޮޓަރިން ނުކުމެ އެ ދަތުރުގައި އޭނާއާއެކު ބައިވެރިވެ އެހެން ކުއްޖެއްގެ ކޮޓަރިއާ ދިމާލަށް ދަނިކޮށް އަލީ އައިސް އޭނާގެ އަތުގައި ހިފައިގެން ގައިގައި ގަދަކަމުން ބައްދައިގަތުމުން، އެހެން އުޅެން ބޭނުންނުވާ ކަމަށާއި، "ރާއްޖެތެރޭ ރަށެއްގެ ފަޤީރު ކުއްޖަކަށްވުމުން އަޅުގަނޑަށް ބޭނުން ގޮތެއް ނުހެދުމަށް"، ބުނި ކަމަށް އެ ޒުވާނާ ބުންޏެވެ. އެ އާދޭހަށް އަލީގެ ޖަވާބަކީ، ތިމަންނައާއެކު އުޅެވޭނެކަމަށާއި، ޑެޕިއުޓީ މިނިސްޓަރުކަން ދޭނެކަމަށާއި، ބޭރުގެ ދތުރުތަކުގައި ދެވޭނެކަމަށް ބުނުމެވެ.

އެތައް ވާހަަކައަކަށްފަހު އަލީގެ ކުލަ ބަދަލުކޮށް ވާހަކަވެސް ބަދަލުކޮށް މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށާއި މުހިއްމު ފައިލެއް އޭނާގެ ކޮޓަރީގައި އޮތްކަމަށް ބުނެ އެ ކުއްޖާ ކޮޓަރިއަށް ގެންދިޔައެވެ. ކޮޓަރިއަށް ނުވަދެ ބޭރުގައި މަޑުކުރުމުން "އަދިވެސް އިތުބާރުނުކުރަނީހޭ، މިނިސްޓަރު އެކަހަލަގެ ކަމެއް ނުކުރާނެކަމަށް،" އަލީ ބުނިކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަހަށް އިތުބާރުކޮށް ކޮޓަރިއަށް ވަން ކުއްޖާއަށް ކުރިމަތިލާންޖެހުނީ ވަހުޝީ ހަމަލާތަކަކާއެވެ. ކޮޓަރި ތަޅުލައި ގައިގައި ބައްދަން އުޅުމުން އަލީގެ އަތްދަށުނުވާން މުޅި ކޮޓަރި ތެރޭގައި ދުވަންޖެހުނެވެ. ފަހަތުން ދުވެ އޭނާ އަތުލައިގަނެ ލައިގެން ހުރި ހެދުން ގަދަކަމުން ބޭލުވުމަށްފަހު ދެން އަލީ ކުރި ހުރިހާ ކަމެއްގެ ވާހަކައިގެ ތަފުސީލުތައް އޭނާގެ ބަޔާނުގައި ކިޔައިދީފައިވެއެވެ. "މިނިސްޓަރު އެ ބޭނުންވާ ކަންތައް އަޅުގަނޑު ކުރަން ބޭނުމެއް ނޫންކަމަށް ބުނެ، ވަރަށް ރޮއެ ހަޅޭއްލަވައި ހެދިން،" ޒުވާނާއަށް ކުރިމަތިވި ނާމާންކަން ބަޔާންކޮށްދެމުން އޭނާ ފުލުހުންގެ ތަހުގީގަށް ކިޔައިދިެނެވެ.

އެކުއްޖާއަށް އެތަނުން ސަލާމަތްވެވުނީ އަލީގެ ރަހުމަތްތެރިއަކާ ގުޅުމެއް އޮންނަކަން އަލީގެ ސަމާލުކަމަށް ގެނެސް، އެރޭ އަލީގެ ފަރާތުން ކުރިމަތިވި ހުރިހާ ކަމެއް އަލީގެ އެ ރަހުމަތްތެރިޔާއަށް ކިޔައިދޭނެކަމަށް ބުނުމުންނެވެ. ނަމަވެސް އެއިރުވެސް އޭނާގެ އެންމެ ނާޒުކު ގުނަވަންތަކަށް އަލީގެ އަތުން އޮތީ ހަމަލާދީފައެވެ.

އެ ޒުވާނާ ކިޔައިދިން ގޮތުގައި އެ ހާދިސާއަށްފަހު އޮފީހުގެ އެކި ފެންވަރުގެ ވެރިން ގާތުގައި އަލީ އޭނާއާމެދު ހިންގަން އުޅުނު އަމަލުގެ ވާހަކަ ދައްކާފައިވާނެއެވެ. ރައީސް އޮފީހުގެ ވަޒީރުންނާ ހަމައަށްވެސް އެ ޝަކުވާ އޭނާ ގެންދިޔައެވެ. އެއިރުވެސް ސީކްރެޓް ޗެޓުން "ރިސޯޓުގައި ނުކުރެވުނު ކަންތައް ކުރާ ހިތްވާކަމަށް" ބުނެ އެލީ ދިޔައީ އެޒުވާނާއަށް ދުއްތުރާކޮށް ޖިންސީ ފުރައްސާރަކުރަމުންނެވެ.

އަލީ ކުރަމުންދާ ކަންކަން ހާމަކުރާނެކަމަށް ބުނުމުން "ޕަވާ ދައްކާލެނަކަމަށާއި"، "މިނިސްޓާއަކީ ކާކުކަން އެއިރުން އެނގޭނެ" ކަމުގައި ބުނެ އެކުއްޖާއަށް އިންޒާރުދިނެވެ.

އޮފީހުގެ ތެރޭގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން އެތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކާއެކު ދުބާއީއަށް ކުރި ދަތުރެއްގައި އަލީ އެކުއްޖާއާ ގަދަކަމުން ބެހެން އުޅުނުކަން މުވައްޒަފުންންނަށް އެނގިފައި އޮތްކަން ބަޔާންދިން ޒުވާނާއަށްވެސް އެނގުނެވެ. އެވާހަކަވެސް އޭނާގެ ބަޔާނުގައި ހިމަނާފައިވެއެވެ. މިފަދަ އެތައް ކަމެއް ހިނގިކަމުގެ ވާހަކަ އޮފީސް ތެރޭގައި ދެކެވިފައިހުރިކަން އެ ކުއްޖާގެ ބަޔާނުން ފާހަގަކުރެވުނެވެ.

ދެ ފަހަރަށް އަންހެންކުއްޖަކު ރޭޕުކުރިކަމުގެ ތުހުމަތު

މިހާތަނަށް އާންމުވެފައިވާ ބަޔާންތަކުގެ ތެރެއިން ތިންވަނަ ބަޔާނަކީ ޓުއަރިޒަމް މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފަކާމެދު އަލީ ހިންގާފައިވާ ޖަރީމާތަކާ ގުޅޭ ގޮތުން އެ މުވައްޒަފު ފުލުހުންގެ ތަހުގީގަށް ކިޔައިދީފައިވާ ވާހަކަތަކުގެ ތަފުސީލެވެ.

އަލީއާއެކު ކުރި އޮފީސް ދަތުރެއް ނިންމައިލުމަށްފަހު މާލެ އައުމުގެ މަގުމަތީގައި ރިސޯޓެއްގައި މަޑުކުރި ފަހަރެއްގައި ގުޅައި އަލީގެ އަންނައުނު އިސްތިރިކުރަން އަންނަން އެ އަންހެން މުވައްޒަފު ކިބައިން އޭނާ އެދުނެވެ. އެފަހަރު ނަސީބު ދިމާކުރި ގޮތުން އެ އަންނައުނު އިސްތިރިކުރަންޖެހުން ފިޔަވައި އިތުރުކަމެއް އޭނާއަށް ކުރިމަތިނުވެއެވެ. ނަމަވެސް އިދާރީ މުވައްޒަފުން ލައްވައި މިނިސްޓަރުންގެ އަންނައުނު އިސްތިރުކުރުވޭނެ ގޮތެއްވެސް އޮންނާނެތޯ ސުވާލު އުފެދެއެވެ.

ކޮވިޑުގެ ވަބާގައި މުޅި ޤައުމު ބަންދުކޮށްފައި އޮއްވައި ސަފާރީއަކަށް ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން އެއްވިއެވެ. އެ ސަފާރީގައި އަލީ ހުރި ކޮޓަރިއަށް އަންނަން އެ މުވައްޒަފު ކިބައިން ތަކުރާރުކޮށް އޭނާ އެދުނެވެ. އެފަހަރުވެސް އަލީގެ ކޮޓަރިއަށް ނުވަދެ އޭނާ ސަލާމަތްވީއެވެ.

ކޮވިޑުގެ ތެރޭގައި މާގިރި ހޮޓަލުން ފުލޯއެއް ނަގައިގެން އެތަނުގައި ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ވަގުތީ ގޮތުން ބަޑަހަޖެހިއެވެ. އެ ދުވަސްވަރު އެ ޒުވާނާގެ ޗާޖަރު އެ މިނިސްޓްރީގެ އެހެން މުވައްޒަފަކު ގެންދިއުމަށްފަހު އަލީއަށް ޗާޖަރު ދިނުމުން ޗާޖަރު ބަލައި ކޮޓަރިއަށް އަންނަން އެ އަންހެންކުއްޖާ ކިބައިން އަލީ އެދުނެވެ.

ޗާޖަރު ބަލައި އޭނާ ކޮޓަރިއަށް ދިޔައިރު އަލީ ހުރީ އޭނާގެ ކޮޓަރި ޝިކާރަ މަޅިފައްޗެއްހެން ތައްޔާރުކޮށްގެންނެވެ. "މިނިސްޓަރު ހުންނެވީ ރޫމުގެ ދޮރު ހުޅުވައިގެން، ރޫމުގެ ލައިޓްތައް ނިއްވާލައިގެން ވަރަށް ބާރަށް ލަވަ ޖަހައިގެން، ރޫމުގެ ދޮރުކައިރީގައި ސޯޓުބުރިއެއް އެކަނި ލައިގެން،" އެ މަންޒަރު ސިފަކޮށްދެމުން އެޒުވާނާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.

ކޮޓަރިއަށް އެ ކުއްޖާ ވަނުމުން ކޮޓަރި ތަޅުލައި، ގައިގެ އެކި ތަންތަނުގައި އަތްލައި ނާޒުކު ގުނަވަންތަކުގައި ހިފައި، ގަދަކަމުން ލައިގެން ހުރި އަންނައުނުގެ އެތެރެއަށް އަތްލައިގެން އެކި އަނިޔާކުރިއެވެ. އެއަށްފަހު ކޮޓަރީގައި ހުރި އެނދު މައްޗަށް އެކުއްޖާ އެއްލައިލާ އޭނާގެ ގައި މައްޗަށް އެއޮތް ބޮޑު އަލީ އަރައި އިށީނެވެ. ދެން ލައިގެން ހުރި އަންނައުނު ބާލުވައި އޭނާގެ ހަށިފޭރިގަތް ގޮތުގެ ތަފުސީލުތައްވެސް އެ ބަޔާނުގައި އެކުއްޖާ ކިޔައިދިނެވެ.

އޭގެ ފަހުންވެސް މިނިސްޓަރުގެ ކޮޓަރިއަށް ގެންގޮސް ދެވަނަ ފަހަރަށްވެސް އެޒުވާނާއާއެކު ގަދަކަމުން ޖިންސީ ގުޅުންހިންގިކަމަށް އޭނާ ބުނެފައިވެއެވެ. މިއަނިޔާ ދިނުމަށްފަހު ދެން އަލީ ދިމާކުރީ އޮފީހުންނެވެ. ކުރާ ހުރިހާ މަސައްކަތަކާ ގުޅިގެން އޭނާއަށް އެއްޗެހި ކިޔައި، އޮފީހުގައި އުޅޭހައި ބަޔަކާ އޭނާއާ އަޅުވައިކިޔައި ހެދިއެވެ. ނަފުސާނީ ގޮތުން ބަލިކޮށްލައި ލޮނޑުކޮށްލުމަށްކަމުގައި ވެދާނެއެވެ.

ރައީސަކު ދިން އިތުބާރާއި ކަންވެދިޔަ ގޮތް

އަލީއާ ގުޅޭ ގޮތުން އޭނާގެ ޝިކާރައަށްވީކަމަށް ތުހުމަތުކުރާ އަންހެނުން ދައްކާފައިވާ ވާހަކަތައް ތަފުސީލުކޮށް މި ލިޔުމުގައި ހިމަނައިލަންޖެހުނީ މިވާހަކަތަކަކީ ހިތްދަތި ވާހަކަތަކަކަށްވީ ނަމަވެސް 15 ވަރަކަށް އަންހެންކުދިން މިފަދަ ވާހަކަތަކެއް ކިޔައިދިމުން އެފެންނަނީ "ޕެޓާން"އެއް ކަމުގައިވާތީއެވެ. ހުރިހާ ބަޔާނުތައް އާންމުނުވި ނަމަވެސް މި ބަޔާންތަކުގައި ހުންނާނީ ދާދި އެއް ވާހަކަތަކެކެވެ.

ބާރުގަދަ މީހުންގެ ފަރާތުން ކުރިމަތިވާ ޖިންސީ ގޯނާއާއި ފުރައްސާރައިގެ ވާހަކަދެއްކުމަކީ އެ އަނިޔާ ތަހައްމަލުކުރާ އަންހެނުންނަށް ފަސޭހަކަމެއް ނޫނެވެ. އެކަމުގެ ސަބަބުން އެމީހުންނަށް ކުރިމަތިލާންޖެހޭ ދަތިތަކާއި ތުރާތައް ބައިވަރެވެ. ވާހަކަދެއްކުމުން ބާރުހުރި މީހުން ނުފޫޒާއި ބާރުން ދައްކާ ބިރުވެސް ބޮޑެވެ. ނަމަވެސް މި މައްސަލާގައި މި އަންހެންކުދިންނަށް މިވާހަކަތައް ފުލުހުންނާ ހިއްސާކުރަން ލިބުނު ހިތްވަރަކީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އެކުދިންނަށް ދެއްވި އިތުބާރާއި ޔަގީންކަމެވެ.

އެ ޔަގީންކަމުގެ މައްޗަށް ބަރޯސާވެ އެކުދިން ބޮޑު ރިސްކެއް ނަގައިގެން އެ ހުރިހާ ވާހަކައެއް ފުލުހުންނާ ހިއްސާކުރިއެވެ. ފުލުހުންވެސް ބުރަ މަސައްކަތްކޮށް ތަހުގީގެއް ހިންގައި ޖިނާއީ ދައުވާއެއް ކުރެވޭނެ މިންވަރަށް ހެއްކާއި ޤަރީނާ އެއްކޮށް ދައުވާކުރަން ފޮނުވައި ޕީޖީން ދައުވާވެސް އުފުލިއެވެ. ނަމަވެސް ޝަރީޢަތް ރަނގަޅަށް ނުފެށެނީސް، ދޭތެރެއެއް ހާވާލާފައި ކުރިމިނަލް ކޯޓުން ނެރުނު އަމުރަކާއެކު، އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކޮށްގެން އަލީ ފުރައިގެން ދިޔައީއެވެ.

އެހިސާބުން އެފެށުނީ ތަފާތު މަރުހަލާއެކެވެ. ސިޔާސީ ބާރުވެރި ބަޔަކު، އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންނަން ޕީޖީއަށް ފިއްތުން ކުރިމަތިކުރަން ފެށީއެވެ. މަޑުމަޑުން ހެކިބަސްދޭ އަންހެން ކުދިންގެ ބަޔާންތަކުގައި ސިއްރިއްޔާތުގެ ފަށަލައަކުން ރައްކާތެރިކޮށްދޭން އެދިފައިވަނިކޮށް، އެފަށަލަ ކަޝްފުވެ، ހެކިބަސްދޭ ފަރާތްތައް އެނގެންނުޖެހޭ މީހުންނަށް އެނގުނީއެވެ. ހެކިބަސްދޭން ތިބި މީހުން ބަޔާންތައް އަނބުރާ ގެނެސް ހެކިބަސްދިނުމަށް އިންކާރުކުރީއެވެ. މައްސަލަ އެއްކޮށް އޮއްބައިލެވުނީއެވެ.

މި މައްސަލާގައި އެޒުވާނުން ދިން ބަޔާންތަކަކީ ދޮގު ބަޔާންތަކެއްކަމަށްވާނަމަ އެމީހުން ކުރީ ޖިނާއީ ކުށެކެވެ. އަދި އެ ވާހަކައިން އަލީ ވަހީދުގެ އަނބުރަށްވެސް އުނިކަން ލިބުނެވެ. ނަމަވެސް ދައުލަތަކުންވެސް އަދި އަލީ ވަހީދުވެސް އެއިން ކުއްޖަކާމެދު ފިޔަވަޅެއް ނާޅައެވެ. އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދެވުނީމައި އޭނާއަށް މޮޅެވެ. އެ ވާހަކަތައް އޮއްބާލެވުމުން ސިޔާސީންނަށް ހިތްހަމަޖެހުމެވެ.

ނަމަވެސް މިއީ އާދައިގެ ކަންކަމެއް ނޫނެވެ. މިއީ ބޮޑެތި ކަންކަމެވެ. މިފަދަ ކަންކަމާމެދު މުޅި ޤައުމު ގެންގުޅޭ ވިސްނުމަކީ އެ ޤައުމެއްގެ އަޚުލާޤީ އިޖިތިމާއީ ފޭރާންހެޔޮ ދެރަވަރު މިންވަރު ވަޒަންކުރެވޭނެ ކަމެކެވެ. އަލީއަށް ކުރެވޭ ތުހުމަތުތަކުން ސަލާމަތްވުމަކީ އެ ތުހުމަތުތައް ހަނދާން ނައްތައިލަންޖެހޭ ސަބަބެއް ނޫނެވެ. އެ ތުހުމަތުތަކުން އޭނާ މިންޖުވީ ގޮތުގެ ވާހަކައަކީވެސް ވަކިން ބަލައި ހޯދައިގެން އާންމުކޮށް ހާމަކުރަންޖެހޭ ވާހަކައެކެވެ.

މި ލިއުމާއި ގުޅޭ