Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރައީސް ޑރ.މުޢިއްޒު އަޒުލުކުރާ ވާހަކައާއެކު އިންޑިއާގެ މީޑިއާ އުފަލުން "އުތުރިއަރަނީ"

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައީސްގެ މަޤާމުން އަޒުލުކުރާ ވާހަކައާއި ވަޒީރުންނަށް ރުހުންނުދިނުމުގެ މައްސަލައާ ގުޅިގެން އިންޑިއާގެ މީޑިއާއިން ވަރަށް ބޮޑަށް އުފާފާޅުކޮށް، ބޮޑެތި ރިޕޯޓުތައް ގެނެސްފިއެވެ.

ދިވެހިރާއްޖޭގެ ކަންކަމާ ގުޅޭ ގޮތުން އިނގިރޭސިބަހުން އިންޑިއާގައި ތަފާތު ރިޕޯޓުތައް ގެނެސްދޭ ރިޕޯޓަރެއްކަމަށްވާ ޕަކީ ޝަރުމާގެ ވިންޓޭޖް ޝޯގައި، ރައީސް ޑރ.މުޢިއްޒު އަޒުލުކުރުމަށާއި އެމަނިކުފާނުގެ ކެބިނެޓުގެ މުހިއްމު ބައެއް މިނިސްޓަރުންނަށް ރުހުންނުދޭން އިދިކޮޅުން ނިންމި ނިންމުމާ ގުޅިގެން ކޮމެންޓަރީ ގެނެސްދިނެވެ.

އެ ކޮމެންޓަރީގައި އޭނާ ސިފަކުރި ގޮތުގައި ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިންޑިއާއަށް "އަލްޓިމޭޓަމް"އެއް ދެއްވާފައިވެއެވެ. އޭނާ އިޝާރާތްކުރި އަލްޓިމޭޓަމަކީ މާޗު މަހުގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދެވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވުމެވެ. އޭނާ އެކަން ސިފަކުރީ އަވައްޓެރި ޤައުމުތަކާ "ފައިޓް"ކުރުން ކަމަށެވެ.

އިންޑިއާގެ މަޝްހޫރު ޗެނަލެއްކަމަށްވާ އެންޑީޓީވީން ރައީސް އަޒުލުކުރުމާ ގުޅޭ ގޮތުން ގެނައި ސެގްމެންޓުގެ ސުރުޚީއަކީ "އިންޑިއާ އައުޓް ޓު މުއިއްޒު އައުޓް"އެވެ. މި ސެގްމެންޓުގައި އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ބައިވެރިވެވަޑައިގަތެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ރައީސް އަޒުލުކުރަން އުޅެނީ މަޖިލީހުގައި ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ފުރަތަމަ ތާވަލުކުރި ޖަލްސާގައި ކަންކަން ހިނގައިދިޔަ ގޮތުންނެވެ. ނަމަވެސް އޭގެ މާކުރިން ރައީސް އަޒުލުކުރުމުގެ ވާހަކަދައްކައި އެކަން ކުރަން ފަސޭހަވާނެ ގޮތަށް މަޖިލީހުގެ ޤަވާއިދަށް އެމްޑީޕީން އިސްލާހުތަކެއް ގެނެސްފައިވެއެވެ.

މި ސެގްމެންޓުގައި ރައީސް އަޒުލުކުރުމާ ގުޅުވައިގެން ރިޕޯޓެއް ގެނެސްފައިވާއިރު، އެ ރިޕޯޓުގައި މުޅިންހެން ދައްކާފައިވާ މަންޒަރުތަކަކީ ޗައިނާއަށް އެމަނިކުފާނު ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ މަންޒަރުތަކެވެ.

މި ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އަނަސް ވިދާޅުވެފައިވަނީ އިންޑިއާ ކަނޑުގެ ސަލާމަތަށް ރައީސްގެ ސިޔާސަތުގެ ސަބަބުން ގެއްލުން ލިބުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރާކަން އިއުލާނުކުރި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުވެސް ސިފަކުރެއްވި ގޮތުގައި ރައީސްގެ ޚާރިޖީ ސިޔާސަތަކީ އިންޑިއާ ކަނޑުގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ.

ބެލެވޭ ގޮތުގައި އެމްޑީޕީން އިޝާރާތްކުރާ އިންޑިއާ ކަނޑުގެ ސަލާމަތަށް ނުރައްކާވުމަކީ ރައީސްގެ ޒައާމަތުގައި ޗައިނާއާއެކު މިހާރު ބާއްވަވަމުން ގެންދަވާ ގާތް ގުޅުމެވެ. ރާއްޖެއިން ޗައިނާއާއެކު ގާތް ގުޅުމެއް ބޭއްވުމަކީ އިންޑިއާ ސަރުކާރާއި އެ ޤައުމުތަކުގެ މީޑިއާތަކުން އަބަދުވެސް ބޮޑު ނުރައްކަލެއްކަމަށް ސިފަކުރާ ކަމެކެވެ.

ޓައިމްސް ނައުގެ ޔޫޓިއުބް ޗެނަލުގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ސުވާލުކޮށްފައިވަނީ، "އިންޑިއާ އައުޓަށް ތާއީދުކުރާ މުޢިއްޒުގެ ވަގުތު ހަމަވީތަ؟" މިފަދައިންނެވެ.

ވިއޮން ޗެނަލުން ރައީސް އަޒުލުކުރުމާ ގުޅޭ ގޮތުން ގެނައި ސެގްމެންޓުގައި ބުނެފައިވަނީ ރާއްޖޭގެ އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި ރައީސް މުޢިއްޒުގެ ޚާރިޖީ ސިޔާސަތަށް ގެންނެވި ބަދަލަކީ ދިގުރާސްތާގައި ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑަށް ގެއްލުންވަނިވި ކަމެއްކަމަށެވެ. އަދި އިދިކޮޅުން ރައީސް އަޒުލުކުރާނެކަން އިއުލާނުކުރީ ސަރުކާރުން ޗައިނާގެ އުޅަނދަކަށް ދިވެހިރާއްޖޭގައި ބަނދަރުކުރަން ހުއްދަދޭން ނިންމިތާ އެއް ދުވަސްފަހުންކަންވެސް ވިއޮންގެ ރިޕޯޓުގައި ފާހަގަކުރިއެވެ.

މި ސެގްމެންޓުގައި ވިއޮން ޗެނަލުން ކޮށްފައިވާ ސުވާލަކީ "އިންޑިއާއާ ދެކޮޅު ސްޓޭންސްއާ ގުޅިގެން މުއިއްޒަަށް އަދަބު ލިބޭނެތަ؟" އެވެ. މި ސުވާލުން ދޭހަވާ ގޮތުގައި ރައީސް އަޒްލުކުރުމަކީ އިންޑިއާއާ ދެކޮޅުވުމުން އިންޑިއާއަށް ތާއީދުކުރާ ސިޔާސީ ފަރާތްތަކުން ރައީސަށް ދޭން އުޅޭ އަދަބެކެވެ.

އިންޑިއާގެ ހިންދުސްތާން ޓައިމްސްއިން ޔޫޓިއުބުގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިދިކޮޅުން ރައީސް އަޒުލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެންމެ ބޮޑަށް ޑިމާންޑުކުރާ އެއްކަމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކިބައިން މައާފަށް އެދިވަޑައިގަތުން ކަމަށެވެ.

އިންޑިއާގެ ސީއެންއެން ނިއުސް-18 ޗެނަލުން ރައީސް އަޒުލުކުރުމާ ގުޅޭ ގޮތުން ގެނެސްދިން ޕްރޮގުރާމުގައި ބައިވެރިވެވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމެވެ. މަޖިލީހުގައި ހިނގި ކަންކަމަކީ ރައީސް އަންގަވައިގެން ހިނގި ކަންކަން ކަމުގައި ސިފަކުރައްވައި، ރޮޒައިނާވަނީ ރައީސަކީ ޑިމޮކްރަސީއަށް ހުރަސްއަޅުއްވާ ބޭފުޅެއްކަމަށް ސިފަކުރައްވާފައެވެ. އަދި ސަރުކާރުގެ މަތީ ފަނޑިއަކީ ގޭންގެއްކަމަށްވެސް ރޮޒައިނާ ސިފަކުރެއްވިއެވެ.

ތަހުލީލު

އިންޑިއާގެ ޓީވީ ޗެނަލްތަކުން ރައީސް އަޒުލުކުރުމާ ގުޅޭ ގޮތުން ގެނެސްފައިވާ ވާހަކަތަކަށް ބަލާއިރު ރައީސް އަޒުލުކުރަން އުޅެނީ އިންޑިއާއާ ދެކޮޅުވެގެންކަމަށް އެމީހުން ޤަބޫލުކުރެއެވެ. އަދި ކޮންމެވެސް ސަބަބަކާހުރެ އެމީހުން ދެކެނީ ރައީސްގެ އިތުބާރު ގެއްލިގެން އުޅެނީ އެމަނިކުފާނު ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ސަބަބުންނެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ރާއްވަވައި ހިންގެވުމުގެ ފުރިހަމަ އިޚުތިޔާރާ ބާރު ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާއިރު އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުފުޅުތަކާ އެއްގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރެއްވުމަކީ އެމަނިކުފާނަށް އޮންނާނެ އިޚުތިޔާރެކެވެ.

އިންޑިއާގެ މީޑިއާތަކުން ރައީސް އަޒުލުކުރަން އުޅޭތީ ކޮށްފައިވާ ސުވާލުތަކަށް ބަލާއިރު އެމަނިކުފާނު އަޒުލުކުރުމަކީ، އިންޑިއާއިން ޤަބޫލުކުރާ އެ ޤައުމާ ދެކޮޅުވުމުގެ ސިޔާސަތާއި، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެންގެވުމާ ލާމެހިފައިވާ ކަންތައްތަކެއްކަން ޔަގީންވެއެވެ.

މި ލިއުމާއި ގުޅޭ