ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޤާމުން އަޒުލުކުރުމުގެ މައްސަލަ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލިފުށީގެ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ވިދާޅުވެފައިވަނީ މަޖިލީހުން ރުހުންނުދިން ވަޒީރުންގެ ނަންފުޅުތައް އަލުން މަޖިލީހަށް ހުށަހެޅޭނެކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.
އިތުރަށް ބިގޭ ވިދާޅުވީ ރުހުންނުދިން ވަޒީރުންގެ ނަންފުޅުތައް އަލުން ފޮނުއްވުމުން އަމަލުކުރައްވާނެ ގޮތަކާމެދު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ތެރޭގައި މަޝްވަރާކުރައްވައި އަމަލުކުރައްވާނެ ގޮތެއް ނިންމަވާނެ ކަމަށެވެ.
އެ ވާހަކަފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޒުލުކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބިގޭ ވިދާޅުވީ ރައީސް އަޒުލުކުރުމުގެ މަސައްކަތް ޕާލިމަންޓަރީ ގުރޫޕުން ކުރަނީ އެމްޑީޕީގެ ލީޑާޝިޕުގެ މަޝްވަރާގެ މަތިން ކަމަށެވެ.
އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނެވި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެ މަޤާމުން އިސްތިއުފާދެއްވިފަހުން، ޕާޓީގެ ރައީސްގެ މަޤާމަށް ވަގުތީ ގޮތުން ހަމަޖައްސާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ބިގޭ އިތުރަށް ވިދާޅުވީ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ބޭނުންވާ އަދަދަށްވުރެ އިތުރަށްވެސް މިހާރު މެންބަރުންގެ ސޮއި ހަމަކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މިދައުރު ނިމުމުގެ ކުރިން އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ބިގޭ ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލަ ހުށަހަޅުއްވާނެ ވަކި ތާރީޚެއް ބިގޭ ހިއްސާނުކުރައްވައެވެ. އޭނާ ވިދާޅުވީ ހުށަހަޅާނެ ތާރީޚެއް ނިންމާނީ ވަގުތާ ހާލަތަށް ބެލުމަށްފަހު ކަމަށެވެ. އަދި އެންމެ ރަނގަޅު ވަގުތުގައި އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ބިގޭ އިތުރަށް ވިދާޅުވީ އެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ އަދަދަށްވުރެ ގިނަ އަދަދެއްގެ މެންބަރުންގެ ސޮއި ލިބިފައިވާއިރު، ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުންވެސް އެ ހުށަހެޅުމުގައި ސޮއިކުރައްވާނެ ކަމަށެވެ.
އެމްޑީޕީންވަނީ ރައީސް އަޒުލުކުރުމުގެ އިޖުރާއާތު ފަސޭހަކުރުމުގެ ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތް ބަދަލުކޮށް މަޖިލީހުގެ ޖުމްލަ މެންބަރުންނަކީ މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ގުނާ އަދަދެއްކަމަށް ކަނޑައަޅާފައެވެ.
މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހަކީ ޤާނޫނު އަސާސީގައި މަޖިލީހުގެ ޖުމްލަ އަދަދު ގުނުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފު އިސްލާހެއްކަމަށް ޤަބޫލުކުރެވޭތީ އެ އިސްލާހު ބާތިލުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.