ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ޤައުމީ މަޖިލީހުގެ މެންބަރުންގެ ވިސްނުމުގައި އެމަނިކުފާނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވޭނެ އެއްވެސް މަގެއް ފެންނަން ނެތްކަން ހާމަވެއްޖެއެވެ.
އެމްޑީއޭގެ ޤައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސައަޕް ގުރޫޕެއްގައި އެބޭފުޅުންގެ މެދުގައި ކުރެވުނު ބައެއް މަޝްވަރާތަކުގެ ސްކްރީންޝޮޓުތައް "ދިޔަރެސް"އަށް ލިބިފައިވެއެވެ. އެބޭފުޅުންގެ ވާހަކަފުޅުން ފާހަގަވީ އިންތިޚާބުގެ ދެވަނަ ބުރެއްގައި އިދިކޮޅު ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒުގެ މައްޗަށް ރައީސަށް ކުރި ހޯއްދެވޭނެ ގޮތެއް ފެނިވަޑައިނުގަތުމުގެ މާޔޫސްކަމެވެ.
އެ ޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަކީ، އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ކެމްޕެއިނަށް ނިކުމެވަޑައިގެންނެވި ނަމަވެސް ބަދަލުކުރެވިދާނެ ނަތީޖާއެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ދެން އިތުރަކަށް މާގިނަ ވޯޓު ހޯދިދާނެކަމަކަށް ނުބެލެވޭ. އިބޫ ނޫން ގޮތެއްގެ ރޫހު ވަރަށް ގަދަކަމަށް ފެންނަނީ،" ވަޓްސްއަޕް މެސެޖުގައި އެމްޑީއޭގެ ޤައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވިއެވެ.
އިތުރަށް އެހެން މެންބަރަކު ވިދާޅުވީ ޑރ.މުޢިއްޒު އެންމެ ފަހު ވަގުތު ބޭނުންކުރެއްވި ސްޓްރެޓެޖީ ކާމިޔާބުކަމަށެވެ. އެއީ ޒުވާނުންނަށް ރޭސިން ޓުރެކެއް އަޅައިދެއްވަން ވައުދުވެވަޑައިގަތުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ޕީޕީއެމްގެ ސްޓެރެންތަކީ އަސްލު ޒުވާނުން. ދިސް އިޒް ދަ ރިއަލިޓީ،" އޭނާ ވިދާޅުވިއެވެ.
ނައިބުރައީސް އަލީ މައުރޫވެސް އަދި އެސްޖީ ސާހުވެސް، އަދި ޤައުމީ ކައުންސިލުގެ 15 ވަރަކަށް މެންބަރުންވެސް ރޭގެ 12 ޖެހުމާ ހަމައަށްވެސް ވިދާޅުވެފައިވަނީ އެމްޑީއާއެކު މިއިންތިޚާބު ކާމިޔާބުކުރެވޭނެ ފޯމިއުލާއެއް ނެތްކަމަށް. ބޮޑުތަނުން ބަލިވާނެ ކަމަށް.އެމްޑީއޭ ކައުންސިލުގެ މެންބަރެއް
"އެމްޑީޕީއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ކުޑަ ކުޑަވެސް އުންމީދެއް ނެތުމުން، އުންމީދު ނެތް ކަމެއްކޮށް އިތުރަށް ލަދެއްގައި ބެދެން ބޭނުންނުވާތީ އަޅުގަނޑު ސިޔާސީ ގޮތުން ސައިލެންޓުވާން ނިންމައިފިން،" އެމްޑީއޭގެ ޤައުމީ މަޖިލީހުގެ އިސް މެންބަރަކު ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ލިޔުއްވިއެވެ.
އިތުރަށް އެ މެންބަރު ވިދާޅުވީ އެމްޑީއޭގެ ނައިބުރައީސް އަލީ މައުރޫފާއި ސެކްރެޓަރީ ޖެނެރަލް ޝާހާއި ކައުންސިލުގެ 15 ވަރަކަށް މެންބަރުން ރޭ 12 ޖެހުމާ ހަމައަށްވެސް ވިދާޅުވެފައިވަނީ މި އިންތިޚާބުގެ ދެވަނަ ބުރުން އެމްޑީޕީއަށް މޮޅުވެވޭނެ އެއްވެސް ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށާއި އެފަދަ ފޯމިއުލާއެއް ނެތް ކަމުގައެވެ. ނަމަވެސް ޕާޓީން ކަންކުރަންވީ ގޮތެއް އެ ޕާޓީގެ ލީޑަރު މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމު (ސަން) ނުނިންމަވާ ކަމަށެވެ.
އިބްރާހީމް ލަންދޫގެ ނަމުގައި ގުރޫޕަށް ބޭފުޅަކު ފޮނުއްވި މެސެޖެއްގައި އޮތީ، "މިއިންތިޚާބުގެ ދެވަނަ ބުރުގައި އިބޫއަށް ކާމިޔާބުވާނެ ފޯމިއުލާއެއް އިންސާނެއްގެ ބުއްދިއަށް އޮތިއްޔާ ނެރެދެއްވާ!،" މިފަދައިންނެވެ. އޭނާ ވިދާޅުވީ ރައީސް އަރިހުގައި އަމާނާތްތެރި ވަފާތެރި ތެދުވެރިއެއް ނެތް ކަމުގައެވެ. އެގޮތުން ކެމްޕެއިން މެނޭޖަރު އަދި އަލިފުށީ ދާއިރާގެ މެންބަރު ރައީސްގެ ޅިޔަނުގެ ދާއިރާއިންވެސް ފޭލުވީނޫންތޯ އޭނާ ސުވާލުކުރެއްވިއެވެ.
ދެވަނަ ބުރަށް ރައީސްގެ ކެމްޕެއިން އަލުން ފަށައިގަތުމަށް ރޭ ދަނޑިކޮށި ޖަގަހާގައި ބޭއްވި ޖަލްސާގައި އެމްޑީއޭގެ އިސްވެރިޔަކު ބައިވެރިވެވަޑައިނުގަތުމާއެކު، އެމްޑީޕީ ކޯލިޝަނުން އެ ޕާޓީ ވަކިވާން އުޅޭ ވާހަކަތައް މީޑިއާއިން ރިޕޯޓުކުރިއެވެ. ނަމަވެސް އެ ޕާޓީގެ ނައިބުރައީސް އަލީ މައުރޫފުވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.
އެމްޑީއޭގެ ޤައުމީ މަޖިލީހުގެ މެންބަރުންގެ ރޫހު ހުރި ގޮތަށް ބަލާއިރު ދެވަނަ ބުރުގައި ރައީސް އިބްރާހީމާއެކު އެމްޑީއޭ އޮތް ނަމަވެސް އެމަނިކުފާނު އިންތިޚާބުކުރަން ފުރަތަމަ ބުރުގައި މަސައްކަތްކުރި ވަރަށް ދެވަނަ ބުރުގައި އެ ބޭފުޅުން މަސައްކަތްކުރެއްވުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ.