ހުޅުމާލޭގައި ހުންނަ އިންޑިއާ އެމްބަސީ ސަރަހައްދު ބަންދުކޮށްގެން ސިއްރިއްޔާތުގައި ޔޯގާ ދުވަސް ފާހަގަކޮށްފިއެވެ.
މިކަމުގެ މައުލޫމާތު ދެމުން ފުލުހަކު "ދިޔަރެސް"އަށް ވިދާޅުވީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ޔޯގާ ދުވަސް ފާހަގަކޮށްފައިވަނީ އިންޑިއާ އެމްބަސީ ތެރޭގައިކަމަށެވެ.
އަދި ބަންދުކޮށްފައި އޮތް ގޯޅިތެރޭގައިވެސް ސަރުކާރުގެ ބައެއް ވެހިކަލްތައް ޕާކުކޮށްފައިވާކަމަށާއި އެކަމެއް ފެށުނީ މިއަދު ހެނދުނު 6:00 ގައިކަމަށް އެ ފުލުސް މީހާ މައުލޫމާތު ދީފައިވެއެވެ.
އޭނާ މައުލޫމާތުދީން ގޮތުގައި މި އަހަރު ޔޯގާ ދުވަސް ސިއްރިއްޔާތުގައި ފާހަގަކުރަން ނިންމީ އެ ދުވަސް ފާހަގަކުރުމާއި ގުޅިގެން މިދިޔަ އަހަރު ހަމަނުޖެހުން ބޮޑިވީމައެވެ.
ފާއިތުވި އަހަރު ޔޯގާ ދުވަސް ފާހަގަކުރުމަށް ނިންމީ މާލޭގެ ގަލޮޅު ބޯޅަދަނޑުގައެވެ. އެ ތަނުގައި ޔޯގާ ދުވަސް ފާހަގަކުރާތީ ގިނަ ބަޔަކު އެއްވެ ނުރުހުން ފާޅުކުރިއެވެ. އަދި އެއިން ބަޔަކު ގަލޮޅު ދަނޑަށް ވަނުމާ ގުޅިގެން ހަމަނުޖެހުންތަކެއް ހިނގިއެވެ.
އެ މައްސަލާގައި އެތަނަށް ވަޑައިގެންނެވި ދެ އިލްމުވެރިއެއްގެ މައްޗަށާއި އެތަނުގައި ހަރަކާތްތެރިވި ބައެއް އެހެން މީހުންގެ މައްޗަށް ދައުލަތުން ބޮޑެތި ދައުވާތަކެއް ކުރިއެވެ. ޝައިޚް އާދަމް ނިޝާނާއި ޝައިޚް މުޙައްމަދު ފަޟްލޫނުގެ މައްޗަށް ދައުވާކުރިއިރު އެ ބޭފުޅުންވަނީ ހަމަނުޖެހުން ނުހިންގުމަށް އިހުތިޖާޖުގެ ބައިވެރިންނަށް ނަސޭހަތްދެއްވައިފައެވެ.