ހުޅުމާލޭ ތޮށިގަނޑު މަތީގައި މީހަކު ޔޯގާ ކަމަށް ބެލެވޭ ހަރަކާތެއް ކުރިއަށްގެންދިޔައީ ސިފައިންގެ ސެކިއުރިޓީއާއެކު ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ދީނީ އިލްމުވެރިޔާ، ޝައިހް އާދަމް ނިޝާން ޓުވީޓާގައި އާންމުކުރެއްވި ވީޑިއޯއަކުން ފެންނަނީ ހުޅުމާލޭ ތޮށިގަނޑު މަތީގައި މީހަކު މޫދަށް ކުރިމަތިލައިގެން އިނދެ ހަރަކާތްތަކެއް ކުރާ މަންޒަރެވެ. އޭރު ހުޅުމާލޭ ބީޗު ސަރަހައްދުގައި އެމްއެންޑީއެފްގެ ކާރެއް އޮންނަތަން ވީޑިއޯއިން ފެނެ އެވެ.
ނިޝާން ވިދާޅުވި ގޮތުގައި އެއީ އެދުވަހުގެ ހެނދުނު ސިފައިން ސެކިއުރިޓީއާއި ހިމާޔަތް ދީގެން ހުޅުމާލޭގައި، ހިންދީ ދީނުގެ ޔޯގާ ހަރަކާތުގެ އެންމެ ބޮޑު ޝިރުކު ހިމެނޭ "ސޫރިޔާ ނަމަސްކާރު - ސަން ސެލިއުޓޭޝަން" ހަދަމުން ދިޔަ މަންޒަރު ކަމަށެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްއި، އެހެން ދީންތަކުގެ އަޅުކަންތައް ރާއްޖޭގައި ކުރުން އާންމުވާތީ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ އެފަދަ ހަރަކާތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި ހުޅުމާލޭގައި ހިނގި ކަންތައް ހިނގީ ސިފައިންގެ ސެކިއުރިޓީއާއެކު ނޫން ކަމަށެވެ.
"ދީނީ އިލްމުވެރިއެއް ކަމަށް އަޅުގަނޑަށް ހީވަނީ ސޯޝަލް މީޑިއާގައި އެ ޓުވީޓުގައި ޖައްސަވާފަ ހުރި ނަމުން އަޅުގަނޑަށް ހީވީ، އެކަމަކު އަޅުގަނޑަކަށް ހިޔެއް ނުވޭ އެފަދަ ބޮޑު ދޮގު ދީނީ އިލްމުވެރިއަކު ހައްދަވާފާނެ ހެނެއް،" ވީޑިއޯ އާންމުކުރެއްވި ޝައިހް ނިޝާނަށް އަމާޒުކޮށް މިއުވާން ވިދާޅުވި އެވެ.
".. އެހެން ބޭފުޅެއްގެ ސެކިއުރިޓީއަށް އެބޭފުޅުން [ބޮޑީގާޑުން] ތިއްބަވާ ގަޑިއަކީ ކޮންމެހެން އެމީހުންނަށް [އަޅުކަންކުރާ މީހާއަށް] ސެކިއުރިޓީ ދީގެން ތިބެނީއެއް ނޫން. އެއް މަގަމުން ދެމީހަކު ހިނގާފަ ދިއުމަކީ އެމީހުންނާ ދެން ގުޅުމެއް އޮތުމެއް ނޫން."
މިއުވާން ވިދާޅުވީ އެހެން ދީންތަކުގެ އަޅުކަންތައްކުރާ މައްސަލައިގައި ސަރުކާރުން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ. "ސަރުކާރުގެ ފަރާތުން މިފަދަ ކަންކަމަށް މައުލޫމާތު ލިބޭވަރުން އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ،" މިއުވާން ވިދާޅުވި އެވެ.