Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓިކްޓޮކް

18 އަހަރުން ދަށުގެ ކުދިންނަށް ޓިކް-ޓޮކްގައި ހޭދަކުރެވޭ ވަގުތު ލިމިޓުކޮށްފި

ފުރަވާރުގެ ކުދިން ޓިކް-ޓޮކް ބެލުމުގައި ހޭދަކުރާ ގިނަ ވަގުތުގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާތީއާއި، އަދި އެ ކުންފުނީގެ ޕަބްލިކް އިމޭޖް ދެމަހެއްޓުމުގެ ބޭނުމުގައި، 18 އަހަރުން ދަށުގެ ކުދިންނަށް އެ އެޕް ބޭނުންކުރުމަށް ދުވާލަކު 1 ގަޑިއިރުގެ ލިމިޓެއް ތަންފީޒްކުރަން ނިންމައިފިއެވެ.

ސޯޝަލް މީޑިއާގެ ވަސީލަތްތަކުގެ ތެރެއިން ފުރާވަރުގެ ކުދިންގެ ތެރެއިގާ މިހާރަކަށް އައިސް އެންމެ މަގްބޫލް އެޕް، ޓިކް-ޓޮކްގެ ތެރެއިން އެ ކުދިން ހުށަހެޅިގެންދާ ނޭދެވޭ ނުފޫޒް ފޯރުވާވަރުގެ ޕޯސްޓްތަކާއި އަދި އެކިއެކި ހޭޝްޓެގްތަކުގެ ސަބަބުން ގިނަ ސަރުކާރަކުތަކުންނާއި، އަދި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ގިނައެވެ. ހަމައެއާއިއެކު، ބައެއް ކަހަލަ މައުލޫއުތަކާއި ބެހޭ ސައްހަނޫން މައުލޫމާތުވެސް އެ ކުދިންނާއި ހަމައަށް ފޯރާކަން ފާހަގަކުރެވެއެވެ.

ކުޑަކުދިންނަށް ގެއްލުންވާ ޒާތުގެ މައުލޫމާތުތައް ފާހަގަކޮށް މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައިވާގޮތުން، މިދިޔަ އަހަރުގެ ވަކި ދުވަސްވަރެއްގައި އެ އެޕް މެދުވެރިކޮށް ކުޑަކުދިންނާއި ހަމައަށް އަމިއްލަ ނަފްސަށް އަނިޔާކުރުމާއި އަދި ކެއުމުގެ ނުކުޅެދުންތެރިކަމަށް އެއްބާރުލުންދޭ ވީޑިއޯތަކެއް ފުޅާކޮށް ދައުރުވެފައިވެއެވެ. ހަމައެއާއިއެކު، ކޮންމެ މީހަކަށްވެސް ހާއްސަކުރެވިގެން ވީޑިއޯ އައުމުގެ ފަހަތުގައިވާ ސޯޝަލް މީޑިއާ އެލްގޮރިދަމްގެ ސަބަބުން އެ މީހަކަށް އެންމެ ކަމުދާ، އަދި އާންމުކޮށް ބަލާ ޒާތުގެ ކޮންޓެންޓް އޮޓޯކޮށް އެ މީހެއްގެ އެކައުންޓްއަށް ފޯރައެވެ. ނަމަވެސް، އެފަދަ ޝައުގުވެރިވާ ކޮންޓެންޓްގެ ތެރެއިން، ކުއްޖާ އެއަށް ދެވިހިފުން ގާތްވެ، ނުރައްކާވާވަރަށް އޭނާ އެ އެޕް ތެރެއަށް ދަމައިގަންނަކަމަށް، ސޮޝަލް މީޑިއާ ފާޑުކިޔުންތެރިން ބުނެއެވެ.

60 މިނެޓު އޭގައި ހޭދުކުރާނެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެ 60 މިނެޓު ހަމަވުމުން އަލުން ބޭނުންކުރަން ފެށޭނީ، ވަކި ހާއްސަ ޕާސްވޯޑަކާއި އެކީގަކަން، ޓިކް-ޓޮކްގެ ޓްރަސްޓް އެންޑް ސޭފްޓީގެ އިސްވެރިޔާ ކޯމެކް ކީނަން ވިދާޅުވިއެވެ. އިތުރަށް އެބޭފުޅާ ވިދާޅުވިގޮތުގައި، 13 އަހަރާއި 18 އަހަރު ދެމެދު އުމުރު ފުރައިގެ ކުދިންނަށް 60 މިނެޓު ހަމަވުމުން ދެން އެ ކުދިންގެ "އަމިއްލަ އިހްތިޔާރުން" އަލުން އެޕް ބޭނުންކުރުމުގެ މިނިވަންކަން އޮންނާނެކަމަށެވެ. ނަމަވެސް 13 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތަކުގައި ދުވާލަކު ބޭނުންކުރުމަށް ކަނޑައާޅާނެ 60 މިނެޓުގެ ލިމިޓު ހަމަވުމުން އިތުރު 30 މިނެޓު ލިބޭނެހެން، ބެލެނިވެރިންނަށް ޕާސްވޯޑް ޖެހުމުގެ އިންތިޒާމްހަމަޖެހޭނެއެވެ.

60 މިނެޓުގެ ލިމިޓު ކަނޑައަޅާފައިވަނީ ބޮސްޓޮން ޗިލްޑުރަންސް ހޮސްޕިޓަލްގެ ޑިޖިޓަލް ވެލްނެސް ލެބުގެ ތަޖުރިބާކާރުންގެ އެހީގައިކަމަށް އެ ކުންފުނިން ހިއްސާކުރިއެވެ. ހަމައެއާއިއެކު، ބެލެނިވެރިންނަށް ކޮންޓްރޯލް ލިއްބައިދޭ އުކުޅު ފަރުމާކުރާނީ ބެލެނިވެރިންނާއި، ޒުވާނުން އަދި ސިވިލް ސޮސައިޓީ މުއައްސަސާތަކާއި ގުޅިގެންކަމަށް ޓިކް-ޓޮކްއިން ބުންޏެވެ.

ޓިކް-ޓޮކްގެ ސަބަބުން ކުޑަކުދިންނަށް، އަދި ހާއްސަކޮށް ފުރާވަރުގެ ކުދިންނަށް ކުރާ ނޭދެވޭ އަސަރުގެ ޝަކުވާތައް ބެލެނިވެރިންނާއި އަދި ޑިޖިޓަލް ސަލާމަތީ ޖަމުއިއްޔާތަކުންދަނީ އިންތިހާއަށް ކުރަމުންނެވެ. މިކަމާއި ގުޅިގެން އެ ކުންފުނިން މިހާތަނަށް ތަންފީޒްކޮށްފައިވާ ގަވައިދުތަކުގެ ތެރޭގައި، އެޕް ބޭނުންކުރާ ފަރާތްތަކަށް ސްކްރީން ޓައިމް ލިމިޓް އަމިއްލަ އިހްތިޔާރަށް ބިނާކޮށް ބަދަލުކުރުމުގެ ފުރުސަތުގެ އިތުރުން، ޓިކް-ޓޮކް ނޮޓިފިކޭޝަން މިއުޓް ކުރުމުގެ ފުރުސަތާއި، އަދި ހަމައެއާއިއެކު، ރޭގަނޑު ގަޑީގައި އެޕް ބޭނުންކުރުން ހުއްޓާލަން ހަނދާން ނެތޭ، ނުވަތަ ދަތިވާ ފަރާތްތަކަށް ހަނދާންކޮށްދިނުމުގެ އެހީއެއްގެ ގޮތުގައި އެ ފަރާތްތަކަށް ހިޔާރުކުރާ ގަޑިއެއްގައި އެޕްގެ ތެރެއިން އެފަދަ ނޮޓިފިކޭޝަންއެއް ލިބޭ އިންތިޒާމުވެސް ތައާރަފްކުރާނެކަން އެ ކުންފުނިން ބުންޏެވެ.

މި ލިއުމާއި ގުޅޭ