ޗައިނާ ކުންފުންޏެއް ކަމުގައިވާ ބައިޓްޑާންސްގެ އެޕު ޓިކްޓޮކް އެމެރިކާގައި މަނާކުރަން އެ ޤައުމުގެ މައި ދެ ޕާޓީގެ ތާއީދު އޮތް ބިލެއް ހުށަހަޅަން ތައްޔާރުވެފައިވާކަން ރިޕަބްލިކަން ޕާޓީގެ ސެންޓަރު މާކޯ ރޫބިއޯ އަންގާރަދުވަހުގައި އިއުލާނުކުރައްވައިފިއެވެ.
މި ބިލު ފަރުމާކުރަން މެދުވެރެވި ސަބަބެއްކަމަށް ރޫބިއޯ ފާހަގަކުރައްވާފައިވަނީ އެ އެޕު ބޭނުންކޮށްގެން ޗައިނާއިން އެމެރިކާ ރައްޔިތުންނަށް ޖާސޫސްކުރުމުގެ ފުރުސަތު އޮތުމެވެ.
މި ބިލު ފާސްވެއްޖެނަމަ ރަޝިޔާއާއި ޗައިނާގެ ނުފޫޒު އެ ކުންފުންޏެއްގެ މައްޗަށް އޮވެދާނެކަމަށް ބެލެވޭ ކުންފުނިތަކާ މުއާމަލާތްކުރުން މަނާވެގެންދާނެކަމަށް ރޫބިއޯގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެ ބަޔާނާ ގުޅިގެން ޓިކްޓޮކްގެ މަންދޫބެއް ވިދާޅުވެފައިވަނީ ޓިކްޓޮކާ ގުޅޭ ސަލާމަތީ ރިވީއު ނިންމުމަށް އެމެރިކާ ސަރުކާރަށް ފުރުސަތުނުދީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކެއް އަމިއްލައަށް ބިލެއް ހުށަހަޅުއްވައިގެން ޓިކްޓިކް ހުއްޓުވަން މަސައްކަތްކުރެއްވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެ ބިލަކީ ސިޔާސީ މަޤުޞަދެއްގައި ހުށަހެޅި ބިލެއްކަމަށް އޭނާ ލިޔުއްވިއެވެ.
ޓިކްޓޮކުން އިތުރަށް ބުނެފައިވަނީ މިހާރުވެސް ފަށާފައިވާ އެމެރިކާގައި ޓިކްޓޮކްގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ފުރިހަމަ މައުލޫމާތު ކޮންގްރެސްއާ ހިއްސާކުރަން އެ ކުންފުނި އޮތީ ތައްޔާރަށް ކަމަށެވެ.
ޓިކްޓޮކް މަނާކުރާ ބިލެއް ކޮންގުރެސްއަށް ހުށަހަޅާފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓުރަމްޕުގެ ވެރިކަމުގައި އެ އެޕް އެމެރިކާގައި ބޭނުންކުރެވޭ ގޮތް ހެދުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވެފައިވަނިކޮށެވެ.
އެމެރިކާގައި ގިނަ ބައެއްގެ ނުރުހުން ޓިކްޓޮކްއަށް އަމާޒުވެފައިވާއިރު އިތުރު ބައެއް ޤައުމުތަކުގައިވެސް ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައިވެއެވެ.