އެމްޑީޕީގެ ޗެއާޕާސަންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހޮވިވަޑައިގަތުމުން، ދައުލަތުން ޕާޓީއަށް ކޮންމެ އަހަރަކު ދޭ ފައިސާއަށް ވާނުވާ އާންމު މެންބަރުންނަށް އެނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ މިފަދައިން ވިދާޅުވެފައިވާއިރު އޭޕްރީލް މަހުގައި ބޭއްވުމަށް ކުރިން ތާވަލުކުރުމަށްފަހު އަންނަ މޭ މަހަަށް ފަސްކޮށްފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ވާދަވެރިކަންވަނީ ވަރަށް ބޮޑުވެފައެވެ. އެ އިންތިޚާބުގައި ފައްޔާޒާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ކުރީގެ ތަރުޖަމާން އިމްތިޔާޒު ފަހުމީއެވެ.
އިންތިޚާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ ކެމްޕޭނު ޓީމުތަކުން އަންނަނީ އެއް ޓީމުން އަނެއް ޓީމަށް ގިނަ ތުހުމަތުތަކެއް އަމާޒުކުރަމުންނެވެ. ފައްޔާޒުގެ ޓީމުގައި ސަރުކާރުގެ ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން ހިމެނިވަޑައިގަންނަވާއިރު އެ ޓީމުގެ ބޭފުޅުން ނުފޫޒު ބޭނުންކުރައްވައިގެން އިންތިޚާބު ކިލަނބުކުރައްވަން އުޅުއްވާކަމަށް އިމްތިޔާޒުގެ ޓީމުން ތުހުމަތުކުރެއެވެ.
ފައްޔާޒުގެ ކެމްޕޭން ޓީމުން ގެންދަނީ ފާއިތުވި ސޯޅަ އަހަރު އެމްޑީޕީ އޮތީ ނިދިފައި ކަމަށާއި ޕާޓީގެ ހަރަކާތްތައް ހުއްޓިފައި ކަމަށް ވިދާޅުވެ ފާޑުވިދާޅުވަމުންނެވެ. އަދި ޕާޓީގެ ފައިސާ ގޮފިތަކަށް ނުލިބެނީ ޕާޓީގެ މިހާތަނަށް އޮތް ލީޑާޝިޕުން އެކަން ނުކުރުމުން ކަމަށްވެސް އެ ބޭފުޅުން ވިދާޅުވެއެވެ.
ފައްޔާޒަށް ތާއީދުކުރައްވާ ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންމެ އަހަރަކު ދައުލަތުން އެމްޑީޕީއަށް ދެމުންދާ ލާރިއަށް ވާ ގޮތް ސާފުކޮށް އާންމު މެންބަރުންނަށް ބުނެދިނުމަކީ ޕާޓީގެ ލީޑާޝިޕުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ރާއީ އިތުރަށް ވިދާޅުވީ މިހާރު ކުރަމުންދާ ކެމްޕޭނުގައި ޕާޓީގެ އާންމު މެންބަރުން އެންމެ ގިނައިން ކުރައްވާ ސުވާލަކީވެސް އެ ފައިސާއަށް ވާ ގޮތާ ގުޅޭ ސުވާލު ކަމަށެވެ. އަދި ފައްޔާޒު ވިދާޅުވަމުން ގެންދަވަނީ އެ ފައިސާއަށް ވާ ގޮތް ރައްޔިތުންނަށް ސާފުކޮށް ވިދާޅުވެދެއްވާނެ ކަމަށް ކަމަށާއި، އަދި ޕާޓީ ހިންގަވައިލައްވާނެ ކަމަށް ކަމުގައިވެސް ރާއީ ވިދާޅުވިއެވެ.