ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ ބޭފުޅުން ކަންބަޅި ކަތިލާ އުސޫލުން ވަކި ކުރެއްވުމުގެ ކުރިން މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މިއަދު އިންޒާރު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ މިއަދުން މިއަދަށް ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ، ވަކި ކުރައްވާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
"މި ހުރިހާ ދުވަހު ސަރުކާރުން ބޮޑު ޕޯޝަނެއް ޖޭޕީއަށް ދީގެން މި ތިބެނީ މިތާ ތިބި މެމްބަރުން އެކަމާ ދެކޮޅަށް އެއްޗެކޭ ނުބުނެ. މިއަދު ރައީސް އަށް ދޯކާދީފައި އެގޮތަކަށް އެކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން އެކަން ކުރިއަކަށް ނުދޭނަން." ރާއީ ވިދާޅުވިއެވެ.
ރައީ ވަނީ ލަދު ހަޔާތެއް ހުރިނަމަ ޖޭޕީ ސްލޮޓްތަކުގައި ތިބި މިނިސްޓަރުންނާއި މަގާމުތަކުގައި ތިއްބެތި ބޭފުޅުން އިސްތިއުފާ ދިނުމަށް ތަކުރާރުކޮށް ގޮވައިލައިފައެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރަށް ވަފާތެރި ނޫނިއްޔާ އެ ބަޔަކު ޖެހޭނީ ބޭރުކުރަން ކަމަށާއި އެކަން ސަރުކާރުން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ މިއަދު ދޯކާ ދޭ ފާޑަށް ޖޭޕީއިން ނިކުމެ ކުއްލިއަކަށް ފާޅުވެފައި ތިމަންނަ ވެރިކަން ކުރާނަމޭ ބުނި ކަމުގައި ވީނަމަވެސް އެ މަގަކުން އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ މަގުން ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ ވަރަށް ލަދު ހަޔާތް ކުޑަކޮށް ފަހަރަކު މީހަކު މިތަނަށް ގެނެސް ކަންބަޅި ކަތިލާ އުސޫލުން ވަކި ކުރުމުގެ ކުރިން އިސްތިއުފާ ދޭށޭ މި ބުނަނީ . ލީޑަރު ކައިރީގައި މި ބުނަނީ އިސްތިއުފާ ދޭން ބުނާށޭ." ރާއީ ވިދަޅުވިއެވެ.
ސަރުކާރުން ޖޭޕީއާއެކު ހަދާފައިވާ ކޯލިޝަން ވަނީ ރެއާ ހަމައަށް ނިމިފައި ކަމަށާއި، އެހެންކަމުން މިހާރު ޖޭޕީގެ ފަރާތްތައް ތިބި މަގާމުތަކުން ވަކިކޮށް ސަރުކާރަށް ވަފާތެރި މީހުން ލާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ސޯލިހް ދެވަނަ ދައުރަކަށް ގެންނަވާނީ އެ މަގުން ކަމަށް ރާއީ ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ޖޭޕީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމްގެ އެހީއާ އެކުގައި ކޯލިޝަނަކުންނެވެ. އެގޮތުން މި ސަރުކާރުގެ ތިން ވުޒާރާއެއްގެ ވަޒީރުކަން ޖޭޕީއަށް ދީފައިވެއެވެ.
ރޭ ޖޭޕީއިން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަ ކުރައްވާނެކަން އިއުލާނު ކޮށްފައެވެ. އެއާއެކު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެޕާޓީގެ މެމްބަރުން ވަކި ކުރަން ޖެހޭނެ ކަމަށް އެމްޑީޕީގެ މެމްބަރުން އަންނަނީ ގޮވަމުންނެވެ.