ޖެނުއަރީ 6 ވަނަ ދުވަހު އެމެރިކާގެ ކެޕިޓަލް ހިލްގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޒިންމާ އުފުލަން ޖެހޭ ކަމަށް ބުނެ އެ ޤައުމުގެ ސެނެޓުގައި ކުރިއަށް ދިޔަ އިމްޕީޗްމެންޓުގައި ޓްރަމްޕް ކުށްވެރި ނުވާކަމަށް ނިންމައިފިއެވެ.
ރައީސަކު ކުށްވެރި ވާކަމަށް ނިންމަން އިމްޕީޗްމެންޓު ޝަރީއަތުގައި ސެނެޓުގެ ތިން ބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވެއެވެ. ޓްރަމްޕް ކުށްވެރި ނުވާކަމަށް 43 މެމްބަރުން ވޯޓު ދެއްވި އިރު ކުށްވެރިވާކަމަށް 57 މެމްބަރުން ވޯޓު ދެއްވިއެވެ. އެހެން ނަމަވެސް ޓްރަމްޕް ކުށްވެރިކުރަން 67 ވޯޓު ބޭނުންވެއެވެ. ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީއިން 7 މެމްބަރަކު ޓްރަމްޕް އާއި ދެކޮޅަށް ވޯޓު ދެއްވާފައިވެއެވެ.
މީގެ ކުރިން ޓްރަމްޕް ވެރިކަމުގައި ހުންނަވަނިކޮށްވެސް އޭރުގެ އިދިކޮޅު ޕާޓީ ކަމަށްވާ ޑިމޮކްރެޓިކް ޕާޓީ އިން ވަނީ އޭނާ އިމްޕީޗުކޮށްފައެވެ. އެހެން ނަމަވެސް އޭރުވެސް އޭނާ ވަނީ ސެނެޓުގެ ވޯޓުން ސަލާމަތްވެވަޑައިގެންފައެވެ.
ކެޕިޓަލް ހިލްގައި ހިނގި ހާދިސާގައި 5 މީހަކު މަރުވެފައިވާއިރު އެ ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން އެތަނަށް ޖަމާވީ ޓްރަމްޕްގެ ގޮވައިލުމަކަށެވެ. އެހެން ކަމުން ޑިމޮކްރެޓިކް ޕާޓީން ބުނެފައިވަނީ އެކަމުގެ ޒިންމާ ޓްރަމްޕް ނަންގަވަން ޖެހޭނެ ކަމަށެވެ.
ވެރިކަމަށް ހޮވިވަޑައިނުގަތަސް ޓްރަމްޕް އަށް އަދިވެސް ވަރަށް ބޮޑަށް އޭނާ ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ އާންމު މެމްބަރުންގެ ތާއީދު އޮވެއެވެ. އަދި އަނެއްކާވެސް 2024 ގައި ވެރިކަމަށް ކުރިމަތި ލައްވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ކުރައްވަފައެވެ.