އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި އެންމެ މުހިއްމު އެއްމަގާމު އަދާކުރާ ބިލިއަނަރު އީލޮން މަސްކް ވަރަށް އަވަހަށް ސަރުކާރުން ވަކިވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި މަސްކް، ސަރުކާރުން ވަރަށް އަވަހަށް ވަކިވާނެ ކަމަށް ޓްރަމްޕް ވަނީ އޭނާގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންނާއި، އަދި ވަރަށް އަރިސް ބޭފުޅުން ކައިރީ ދަންނަވާފައެވެ.
ޓްރަމްޕް ވެރިކަމާއި ހަވާލުވުމަށްފަހު އުފެއްދި ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިސެންސީ ހިންގުން ހަވާލު ކޮށްފައި ވަނީ މަސްކް އާއިއެވެ. އެ ޑިޕާޓްމަންޓްގެ ނިންމުންތަކުގެ ސަބަބުން މަސްކް އާއި ޓްރަމްޕްގެ ސަރުކާރަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
ޓްރަމްޕް ވެރިކަމަށް ގެންނަން އެންމެ ބޮޑު ހަރަދެއް ކުރި އެއްބިލިއަނަރު ކަމަށްވާ މަސްކް ވެފައި ވަނީ ޓްރަމްޕަށް ސިޔާސީ ގޮތުން "އުފުލަން އުނދަގޫ ބުރައަކަށް" ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. މަސްކްގެ ސަބަބުން ކުރިމަތިވަމުން އަންނަ ސިޔާސީ ޕްރެޝަރުގެ ސަބަބުން މިހާރު ޓްރަމްޕް ވެސް ބޭނުން ވަނީ މަސްކް ސަރުކާރުން ވަކިވާން ކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޓްރަމްޕް އޭނާގެ އެންމެ އަރިސް މީހުންގެ ގާތުގައި ބުނެފައި ވަނީ މަސްކް ސަރުކާރުން ވަކިވެ އޭނާގެ އަމިއްލަ ވިޔަފާރިއަށް ވަރަށް އަވަހަށް ފޯކަސް ކުރާނެއެވެ.
މަސްކް ޓްރަމްޕްގެ ސަރުކާރުން ވަކިވާން އުޅޭކަމުގެ އަޑުތައް މިފެތުރުނީ މިދިޔަ ހަފްތާގައި ވިސްކޮންސިންގައި ފަނޑިޔާރަކު ހޮވަން މަސްކް ބޮޑު ހަރަދެއް ކުރި ނަމަވެސް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ތާއިދު އޮތް ފަނޑިޔާރު އިންތިހާބު ކާމިޔާބު ކުރުމުން މަސްކްއަށް ފާޑުކިޔުން އިތުރުވެފައި ވަނިކޮށެވެ.
އެމެރިކާގެ ނޫސް "ޕޮލިޓިކޯ" ގައި ބުނެފައި ވަނީ ޓްރަމްޕް މަސްކް އާއި ހަވާލުކޮށްފައިވާ މަސައްކަތް 130 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. އެހެންކަމުން މެއި މަހުގެ ފަހުކޮޅު ނުވަތަ ޖޫން މަހުގެ ކުރީކޮޅު މަސްކް މިހާރު އަދާކުރަމުންދާ މަގާމުން އިސްތިއުފާ ދޭނެ ކަމަށް އެނޫހުގައި ބުނެފައި ވެއެވެ. އެއަށްފަހު ދެން މަސްކް ސަރުކާރުގެ ރަސްމީ ވަޒީފާއެއް އަދާނުކުރާނެ ކަމަށާއި މަސްކްއަށް އޮންނާނީ ރަސްމީ ނޫން އެޑްވައިޒަރެއްގެ މަގާމު ކަމަށް އޮފިޝަލަކާއި ހަވާލާދީ ނޫހުގައި ރިޕޯޓް ކޮށްފައި ވެއެވެ.
ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިސެންސީއަކީ ވަރަށް މުހިއްމު އިދާރާއެއް ކަމަށް ޓްރަމްޕް ގަބޫލުކުރި ނަމަވެސް އެއިދާރާ އިން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ޓްރަމްޕްގެ ސަރުކާރާއި ދެކޮޅު އަޑުތައް އަންނަނީ ގަދަވަމުންނެވެ. އެހެންކަމުން އަންނަ އަހަރު ޓްރަމްޕްގެ ސަރުކާރާއި ކުރިމަތިވާނެ މިޑްޓާމް އިލެކްޝަންގެ ކުރިން މަސްކް ސަރުކާރުން ވަކިކޮށް ސިޔާސީ ގޮތުން މިހާރު ލިބޭ ގެއްލުންތަކުން ސަލާމަތްވުން ޓްރަމްޕަށް މަޖުބޫރު ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ފޮކްސް ނިއުސްގެ ބްރެޓް ބެއިއާ ބުރާސްފަތި ދުވަހު މަސްކް ސަރުކާރުގެ މުވައްޒަފެއްގެ މަގާމުން ވަކިވާން ތައްޔާރަށް ހުރިތޯ ސުވާލު ކުރުމުން މަސްކް ބުނީ އޭނާ އާއި ހަވާލުކުރި އެންމެ މުހިއްމު އެއްޒިންމާ ކަމަށްވާ އެމެރިކާ ސަރުކާރުގެ ދަރަނި އެއްޓްރިލިއަންއަށް ދަށް ކުރުމުގެ ޒިންމާގެ ވަރަށް ބޮޑުބައެއް މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށާއި އެމަސައްކަތް ނިމުމުން އޭނާ މަގާމުން ވަކިވާނެ ކަމަށެވެ.
ހޯމަ ދުވަހުގެ ރޭ ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮންމެވެސް ހިސާބަކުން މަސްކް އެނބުރި އޭނާގެ ކުންފުންޏަށް ދާން ބޭނުންވާނެ ކަމަށާއި ނަމަވެސް މަސްކް ސަރުކާރުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކަށް މަސްކް އެމަގާމުގައި ބަހައްޓަން ބޭނުންވާ ކަމަށެވެ.