އައު އީޖާދުތަކާއި އުފެއްދުންތެރިކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްޤީވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ދުނިޔޭގެ އުފެއްދުންތެރިކަމާއި އީޖާދުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ކުއްޖަކަށްވެސް އެކުދިންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ފުރުޞަތު އޮންނަންވާނެ ކަމަށާއި، ކޮންމެ ފަންނުވެރިއަކަށް ވެސް ފާގަތިކަމާއެކު ކުރިއަށްދެވޭނެ މަގު ތަނަވަސްވެފައި އޮންނަންވާނެ ކަމަށެވެ.
"އުފެއްދުންތެރިކަމާއި އައު ގޮތްތައް ހޯދުމުގެ ސަބަބުން އަޅުގަނޑުމެންގެ ލޮބުވެތި ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވެގެން ދާނެ" އެ ޕޯސްޓުގައިވެއެވެ.
މި ދުވަހާ ގުޅިގެން ރައީސް ދެއްވި މެސެޖުގައި، ކޮންމެ އުފެއްދުންތެރިއަކަށްވެސް އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށް ހިއްސާކުރެވޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.
އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުމަކީ ޤައުމެއްގެ ތަރައްޤީއަށް ކޮންމެހެން މުހިންމު ދެ ސިފައެއް ކަމަށާއި، މި ދާއިރާއިން ކުރިއެރުން ހޯދުމަށް ސަރުކާރުން އިސްކަމެއް ދޭ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައިވެއެވެ.