ރާއްޖޭގައި އެންމެ ފުރަތަމަ ތައުލީމް ފޯރުކޮށްދޭން ފެށި، މަޖީދިއްޔާ ސްކޫލަކީ ނިޒާމީ ތައުލީމުގެ އުނގު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަޖީދިއްޔާއަށް 98 އަހަރު ފުރޭ ދުވަހުގެ މުނާއްސަބަތުގައި އެކްސްގައި ޕޯސްޓުކުރައްވަމުން ރައީސް ވިދާޅުވީ، މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ. އަދި އެ ސްކޫލުގެ އިލްމީ ބަގީޗާ އާއި ހަނދާންތައް ތާރީހުގައި ބިންވަޅު ނެގިފައި ވަނީ ފަނޑުވުމެއް ނެތް ޒިކުރާތަކާ އެކު ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު. މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ". މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު. މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި މަޖީދިއްޔާގެ ލަވައިގެ ބައެއް ވެސް ހިއްސާކުރެއްވި އެވެ.
"މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ
މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ
ފުރާށޭ ދަރީން ހިތް ޢުލޫމުން މިތާ
ކުރާށޭ ފިދާ ޖާނު ވަޠަނަށްޓަކައި
މި މަތިވެރި ޢިލްމީ ޢިމާރާތްތަކަށް
އެދޭނީ ޙަޔާތާ އުޖާލާ ކަމަށް"
މަޖީދިއްޔާ ސްކޫލުން ފުރަތަމަ ތައުލީމް ފޯރުކޮށްދޭން ފެށީ 19 އޭޕްރީލް 1927 ގައި، މަދަރުސަތުއް ސަލާހިއްޔާގެ ނަމުގަ އެވެ. އެ މަދަރުސާ ސަރުކާރުގެ މަދަރުސާއެއްގެ ގޮތުގައި ހިންގުމަށް ނިންމެވީ، ރަސްގެފާނު އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށް ޝެއިހް އިބްރާހިމް ރުޝްދީ އަލްއަޒްހަރީއާއި ޝައިހް ހުސައިން ސަލާހުއްދީން ދެއްވި ލަފާގެ މަތީންނެވެ. އޭގެ ފަހުން ސްކޫލުގެ ނަން، މަދަރުސަތުއް ސަނިއްޔަތުލް ހުކޫމަތުލް މަހަލްދީބިއްޔާ ނުވަތަ އާއްމު ނަމުންނަމަ، މަދަރުސަތުއް ސަނިއްޔާ އަށް ބަދަލު ކުރެވުނެވެ. މަދަރުސަތުލް މަޖީދިއްޔާގެ ނަން އެ ސްކޫލަށް ދީފައި ވަނީ ސުމުއްވުލް އަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި 1947 ގަ އެވެ. މި ނަން ނިސްބަތް ވަނީ ސުލްތާން މުންތަހަބް އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަށެވެ.