އުރީދޫ ނޭޝަންގެ އިންޓަރ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ކުރިއަށްދާނީ އޭޕްރީލް މަހުގެ 27 އިން 30 އަށެވެ.
ރާއްޖޭގެ ރިސޯޓްތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި ދުނިޔޭގެ އެންމެ މަޤްބޫލު ދެ މޮބައިލް ގޭމް ކަމުގައިވާ ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ގައި ވާދަކުރެވޭނެއެވެ.
މުޅިން އޮންލައިންކޮށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 20،000 ރުފިޔާގެ އިނާމު ޕޫލެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރެއިން ކޮންމެ ގޭމަކަށް 10،000 ރުފިޔާ ހާއްސަކޮށްފައިވާއިރު، އެއްވަނައަށް 5،000 ރުފިޔާ، ދެވަނައަށް 3،000 ރުފިޔާ އަދި ތިންވަނައަށް 2،000 ރުފިޔާ ލިބޭނެއެވެ.
މި މުބާރާތުގެ މައިގަނޑު އަމާޒަކީ ރިސޯޓް މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުމެވެ. އަދި މިއީ އާންމު މަސައްކަތުގެ މާހައުލުން ބޭރުން ރިސޯޓް މުވައްޒަފުންގެ ހުނަރާއި އުފެއްދުންތެރިކަން އަދި ކުޅިވަރުގެ ހުނަރު ދައްކުވައިދިނުމުގެ ފުރުސަތެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.
ރިސޯޓް ކޮމިއުނިޓީތަކުގެ މެދުގައި ވާދަވެރި ގޭމިންގއަށް ޝައުޤުވެރިކަން އިތުރުވަމުންދާއިރު، މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރިސޯޓްތަކުގެ މުވައްޒަފުން އެއް ޕްލެޓްފޯމެއްގައި ބައްދަލުވެ، ވާދަކުރުމުގެ ފުރުސަތެއް ކަމުގައި ބެލެވެއެވެ.