"ޖެނެރޭޝަނަލް ބޭން" ނުވަތަ ދުންފަތް މަނާކުރާ އުމުރުފުރާއާ ގުޅޭގޮތުން މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރައްވައި ގޮތެއް ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން އާންމު ކުރި ވީޑީއޯއެއްގައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ޒުވާނުންނާއި ޖުމްލަކޮށް މުޅި އާބާދީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ކެންސަރާއި ހިތުގެ ބަލިތައް ފަދަ ބަލިތަކުން ސަލާމަތްކުރުމަށް ސަރުކާރުން އެންމެންނާ ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އަދި މިފަދަ ބަލިތަކުން ސަލާމަތް ކުރުމަށް ޖެނެރޭޝަނަލް ބޭންއެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިކަމާއި ގުޅޭ ސާވޭ ސޯޝަލް މީޑީޔާގެ އެކި ޒަރީޔާޓަކުގައި ހަދައި ޑަބްލިއު އެޗްއޯ އާއި ޔުނިސެފް ފަދަ ފަރާތްތަކާއި މަޝްވަރާ ކުރައްވާފައިވާ ކަމަށާއި މިއަދުގެ ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން އާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި އެ ހުރިހާ ކަމެއްގެ އަލީގައި މަޝްވަރާކޮށް އިރާދަ ކުރެއްވިއްޔާ މި ހުރިހާ ކަމެއްގެ އަލީގައި މަޝްވަރާކޮށް ރައްޔިތުންގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެންގެ ޖީލު ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެންގެ މި ކުޑަ ކުޑަ މުޖުތަމައުއަކީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން ޖެހޭ ބަލިތައް ޖެހޭ މުޖުތަމައުއަކަށް ނުހެދުމަށްޓަކައި މަޝްވަރާކޮށް ގޮތެއް ނިންމާނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް ސާވޭ 2022 އިން ދައްކާ ގޮތުން ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބު އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށް ދައްކާ ކަމަށެވެ.
އަދި ރާއްޖޭގައި 84 އިންސައްތަ މީހުން ބަލިތަކާއި ގުޅިގެން މަރުވާ ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން 2021 ވަނަ އަހަރު ހެދި، ގައިން ގަޔަށް ނާރާ ބަލިތައް ޖެހޭ ސަބަބުތަކާ ބެހޭ ސާވޭއިން ދައްކާ ގޮތުގައި 15 އަހަރާއި 29 އަހަރާއި ދޭތެރޭގެ 21.8 އިންސައްތަ ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ޒުވާނުންކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.