Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިސްރާއީލުން ހަނގުރާމަ ހުއްޓާލާނަމަ ހުރިހާ ރަހީނުން ދޫކޮށްލަން ހަމާސް އެއްބަސް - އޮފިޝަލް

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ދާއިމީކޮށް ހުއްޓާލާނަމަ ބަދަލުގައި އަސީރުންގެ ގޮތުގައި ބަންދުކޮށްފައި ތިބި އެންމެން އެއްފަހަރާ ދޫކޮށްލަން ތައްޔާރަށް ތިބިކަމަށް މަޝްވަރާތަކާ ގުޅުންހުރި އިސް ފަލަސްތީނު އޮފިޝަލަކާއި ހަވާލާދީ އިސްރާއީލްގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިސްރާއީލް" އިން ބުނެފިއެވެ.

މިފަދަ އެއްބަސްވުމަކަށް އިސްރާއީލުން އަބަދުވެސް އިންކާރުކުރަމުން އައި ނަމަވެސް، ވަގުތީ އެއްބަސްވުމެއްގެ ދަށުން ވެސް ބައެއް އަސީރުން ދޫކޮށްލަން ހަމާސްއިން ތައްޔާރަށް ތިބިކަމަށް އިސްރާއީލްގެ ނޫހުން ބުނެއެވެ.

ނަމަވެސް، ހަނގުރާމަ ނިންމުމާ ގުޅޭ މަޝްވަރާތަކަށް އިސްރާއީލުން އެއްބަސްވާނެކަމުގެ ޔަގީންކަން މެދުވެރިންގެ ފަރާތުން ހަމާސްއަށް ބޭނުންވާކަމަށާއި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ މިހާތަނަށް މިކަމަށް އިންކާރުކުރާކަމަށް ވެސް ނޫހުގައި ރިޕޯޓް ކޮށްފައި ވެއެވެ.

ހަމާސް އާއި އިސްރާއީލުން ޖެނުއަރީ މަހު ވިއެއްބަސްވުމުގެ ޝަރުތުތަކުގައި އެއްބަސްވުމުގެ ދެވަނަ ފިޔަވަހި މާޗް 02 ވަނަ ދުވަހު ފަށައި ދިރިތިބި ހުރިހާ ރަހީނުން ދޫކޮށްލުމާއި، އިސްރާއީލު ސިފައިން ޣައްޒާއިން އެއްކޮށް ފައިބާ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުން ހިމެނެއެވެ. ނަތަންޔާހޫ މި އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، ދެވަނަ ފިޔަވަހި ފަށާ ހިސާބަށް ދިއުމުން ނަތަންޔާހޫ ވަނީ އެއްބަސްވުމާއި ހިލާފުވެ އިތުރު މަޝްވަރާތަކަށް ވެސް އިންކާރު ކޮށްފައެވެ.

އިސްރާއީލުން މާރޗް 18 ގައި ޣައްޒާގެ އެކި ސަރަހައްދުތަކަށް ވަރުގަދައަށް ހަމަލާދޭން ވަނީ ފަށާފައެވެ. އޭގެފަހުން 1,000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ޓައިމްސް އޮފް އިސްރާއީލްއަށް މައުލޫމާތު ދިން ސީނިއަރ އޮފިޝަލް ވިދާޅުވި ގޮތުގައި ހަމާސްގެ އެންމެ ފަހުގެ ހުށަހެޅުމަކީ މެދުއިރުމަތީގެ އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ފާއިތުވި މަހު ހުށަހެޅުއްވި، އިސްރާއީލްގެ ފަސް ރަހީނުން ދޫކޮށްލުމަށް ހުށަހެޅުއްވި ހުށަހެޅުމާ ވަރަށް އެއްގޮތް ހުށަހެޅުމެކެވެ. ނަމަވެސް ފަލަސްތީނު އޮފިޝަލް ވިދާޅުވި ގޮތުގައި އިސްރާއީލުން ހަމާސްގެ އެންމެ ފަހުގެ ހުށަހެޅުން ބަލައިނުގަނެ، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމާއި ބެހޭގޮތުން މަޝްވަރާކުރުމުގެ އެއްބަސްވުމެއް ނުހިމެނޭ ގޮތަށް 11 ރަހީނުން ދޫކޮށްލުމަށް ވަނީ ހުށަހަޅާފައެވެ. މިއީ ހަމާސްއަށް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި އެހެންކަމުން "މިހާރު މަޝްވަރާތައް ވަނީ ހުއްޓިފައި." ކަމަށް އޭނާ ވިދާޅުވިއެވެ.

"މައްސަލައަކީ ރަހީނުންގެ އަދަދެއް ނޫން. އިސްރާއީލުން ދާއިމީކޮށް ހަނގުރާމަ ހުއްޓުމަށް ވާސިލުވުމުގެ ނިޔަތް ދައްކައިފިނަމަ، ހަމާސްއިން ތިބީ ހުރިހާ ރަހީނުން ދޫކޮށްލުމަށް ތައްޔާރަށް،" ފަލަސްތީނު އޮފިޝަލް ޓައިމްސް އޮފް އިސްރާއީލަށް ވިދާޅުވިއެވެ. "އިސްރާއީލަށް ބޭނުންވަނީ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޓަކައި އެއްބަސްވުމުގެ ބައެއް އެކަނި. އެމީހުން ބޭނުންވަނީ ހަމާސް އިން ދެވަނަ ފިޔަވައްސަށް ނުގޮސް ހުރިހާ ރަހީނުން ދޫކޮށްލުމަށް." އޭނާ ވިދާޅުވިއެވެ.

ހަމާސްގެ ލީޑަރުން ޣައްޒާ ދޫކޮށް ދިއުމަށް ނުވަތަ ހަތިޔާރު ދޫކޮށްލުމަށް އެއްބަސްނުވި ނަމަވެސް، ސީނިއަރ ފަލަސްތީނު އޮފިޝަލް ވިދާޅުވި ގޮތުގައި ހަމާސްއިން ވަނީ ޣައްޒާގެ އިދާރީ ހިންގުމުގެ ބާރު ދޫކޮށްލުމަށާއި އިސްރާއީލާއެކު "ސެކިއުރިޓީ އެރޭންޖްމަންޓްސް" ހިމެނޭ ގޮތަށް އަހަރުތަކެއް ވަންދެން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައެވެ. "ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމު ނުކުރެވެނީސް ހަމާސްއިން ދުވަހަކުވެސް ހަތިޔާރު ދޫކޮށްނުލާނެ. އެއީ މިނިވަންކަމަށް ތެދުވެފައިވާ ހަރަކާތެއް." ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފަލަސްތީންގެ އޮފިޝަލް އޭގެ ފަހުން ސުވާލު އުފައްދާފައިވަނީ ޓްރަމްޕްގެ ސަރުކާރުން ރަހީނު ކޮށްފައިވާ މީހުންނާއި ގުޅޭ މަޝްވަރާތައް ކުރިއަށްދިޔަ ގޮތާމެދުގައެވެ. އޭގެ ތެރޭގައި މަޝްވަރާތަކަށް ފޮނުވި ސްޕެޝަލް އެންވޯއި އާދަމް ބޯލަރ ހަމާސްގެ އޮފިޝަލުންނާ ސީދާ ބައްދަލުކުރުމަށްފަހު އިސްރާއީލުގެ ފާޑުކިޔުމާއެކު އެ މަޝްވަރާތައް ކުއްލިއަކަށް ހުއްޓާލިކަން ފާހަގަކުރެއްވިއެވެ. "ސީދާ ހަމާސްއާ ވާހަކަ ނުދައްކާ އެއްބަސްވުމަކަށް އާދެވޭނީ ކިހިނެއްތޯ؟ އެމެރިކާއަކީ ޠާލިބާނުންނާއި ވެސް ސީދާ މަޝްވަރާކުރި ބައެއް" އޮފިޝަލް ފާހަގަކުރެއްވިއެވެ.

ފަލަސްތީނު އޮފިޝަލް ވިދާޅުވި ގޮތުގައި ހަނގުރާމަ ނިންމުމުގެ ޤާބިލުކަން ހުރީ އެމެރިކާގެ ރައީސް ޓްރަމްޕްގެ އަތްމަތީގައި ނަމަވެސް މިވަގުތު "ނަތަންޔާހޫއަށް ޣައްޒާގައި ނަރަކައިގެ ދޮރު ހުޅުވާލުމުގެ ހުއްދަ" ދީފައިވާ ކަމަށެވެ.

އޮކްޓޯބަރު 7 ގެ ހަމަލާގައި ރަހީނުކުރި 251 މީހުންގެ ތެރެއިން 59 މީހުން އަދިވެސް ތިބީ ހަމާސްގެ ހައްޔަރުގައެވެ. އިސްރާއީލް އިންޓެލިޖެންސްގެ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި މިހާރު ހައްޔަރުގައި ތިބި މީހުންގެ ތެރެއިން 24 މީހުން ދިރިއެބަތިއްބެވެ. ނޮވެމްބަރު 2023 ގައި އެއް ހަފްތާއަށް ހަނގުރާމަ ހުއްޓާލުމަށްފަހު 100 އަށްވުރެ ގިނަ ރަހީނުން ދޫކޮށްލިއެވެ. އަދި މިއަހަރު އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި އިތުރު 33 މީހުން ދޫކޮށްލިއެވެ.

ހަނގުރާމަ ފެށުނީއްސުރެ 50،000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އޮކްޓޯބަރު 7 ގެ ހަމަލާގައި 1،200 އެއްހާ އިސްރާއީލް މީހުން މަރުވިއެވެ. ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކުރިއަށްގެންދިޔަ އެއްގަމުގެ އޮޕަރޭޝަންތަކާއި ސަރަހައްދުގެ އިންވަށައިގެން ކުރިއަށްގެންދިޔަ ހަނގުރާމައިގެ އޮޕަރޭޝަންތަކުގައި އިސްރާއީލުގެ 410 މީހުން މަރުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ