އީދު ޗުއްޓީއާއި ދިމާކޮށް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު ބޮޑުވެ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން އިތުރު ދަތުރުތަކެއް ތާވަލުކޮށްފިއެވެ.
އެ އެއާލައިނުން އިތުރަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކާޑެއްދޫ އިން މާލެއަށް އަދި އަންނަ މަހުގެ 5 ވަނަ ދުވަހު އިތުރަށް ތާވަލުކޮށްފައިވަނީ މާލެއިން ފަރެސްމާތޮޑާއަށް އަދި ފަރެސްމާތޮޑާއިން މާލެއަށް ކުރާ ދަތުރެކެވެ. އަދި އަންނަ މަހުގެ 6 ވަނަ ދުވަހަށް އިތުރުކޮށްފައިވަނީ މާލެއިން ހޯރަފުއްޓަށް، ހޯރަފުށިން މާލެއަށް ، މާލެއިން ފުވައްމުލަކަށް ކުރާ ދަތުރެއްގެ އިތުރުން ފުވައްމުލަކުން މާލެއަށް ކުރާ ދަތުރެއްވެސް ވަނީ ތާވަލުކޮށްފައެވެ.
އިތުރަށް ތާވަލުކޮށްފައިވާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ވަގުތުތައް:
އަންނަ މަހުގެ އެއްވަނަ ދުވަސް
- ކާޑެއްދޫ އިން މާލެއަށް 22:20
އަންނަ މަހުގެ ފަސްވަނަ ދުވަސް
- މާލެއިން ފަރެސްމާތޮޑާ އަށް 08:00
- ފަރެސްމާތޮޑާއިން މާލެއަށް 09:50
އަންނަ މަހުގެ ހަ ވަނަ ދުވަސް
- މާލެއިން ހޯރަފުއްޓަށް 19:10
- ހޯރަފުށިން މާލެއަށް 20:35
- މާލެއިން ފުވައްމުލަކަށް 06:00
- ފުވައްމުލަކުން މާލެއަށް 07:55
މި ދަތުރުތައް ބުކް ކުރުމަށް 1617 އަށް ގުޅައިގެން ނުވަތަ މޯލްޑިވިއަންގެ ވެބްސައިޓުން ވެސް ބުކިން ހެއްދޭނެއެވެ.
އީދު ބަންދާއި ދިމާކޮށް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖޭގެ އެކި ހިސާބުތަކަށް ދިވެހިން ކުރާ ދަތުރުތައް މިހާރަކަށް އައިސް ވަނީ ގިނަވެފައެވެ. މިއަހަރުގެ ރޯދަމަހުގެ ފަހު 10 ދުވަހާއި އީދުގެ ދުވަސްތަކަކީ ސަރުކާރު ބަންދުދުވަސްތަކެއް ކަމަށް ސަރުކާރުން ނިންމުމުން ގިނަ އަދަދެއްގެ އާއިލާތަކަކުން ވަނީ އަތޮޅުތެރޭގެ ރަށްތަކަށް ޗުއްޓީހޭދަކޮށްލުމަށް ގޮސްފައެވެ.