ހއ. އުލިގަމުގައި އިމިގްރޭޝަންގެ އޮފީސް އިމާރާތެއް ގާއިމް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށް މިހާރުވަނީ އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު ފަސީހުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
މި މަޝްރޫއު އާއި ގުޅިގެން އިމިގްރޭޝަނުން ބުނީ ރައީސްގެ އިރުޝާދާއި އެއްގޮތަށް އެ ރަށުގައި ފަށާފައިވާ ބަންކަރިންގެ ހިދުމަތާއި ގުޅިގެން ބޭރު ޤައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމަށާއި، ހއ.އުލިގަމުގައި އިމިގްރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އައު އިމާރާތެއް އެޅުމަށް މިއަދު އެމް.ޓީ.ސީ.ސީ އާއެކު ރަސްމީ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށެވެ.
މިހާރު އުލިގަމުގައި ހުރި ދެ އިމިގްރޭޝަން އޮފިސަރުން މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ސީޕޯޓުގެ ޚިދުމަތްތައް ނަމަވެސް، މި އިމާރާތް ޤާއިމުކުރެވުމާއެކު، ޕާސްޕޯޓު އަދި ވިސާ ފަދަ އެހެނިހެން އިމިގްރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްޤީވެގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.