އިންޖިނިއަރިންގެ ދާއިރާއިން އިނގިރޭސިވިލާތުގައި މަތީ ތައުލީމް ހާސިލްކުރުމަށް ސްކޮލަޝިޕް ފުރުސަތުތަކެއް ސްޓެލްކޯއިން ހުޅުވާލައިފި އެވެ.
އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން އެއް ފުރުސަތު އަދި މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރުމަށް ދެ މީހަކަށް ސްކޮލަޝިޕް ދިނުމަށް އެކުންފުނިން ވަނީ ހުޅުވާލާފަ އެވެ.
ސްޓެކްކޯއިން ހުޅުވާލި މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލަޝިޕް ސްކީމް ބައިވެރިވާ ދަރިވަރުންގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 24 އަހަރު ފުރިފައި ނުވުމާއި، އޭލެވެލް އިމްތިހާނުގެ ތިން މާއްދާއަކުން "އޭ ސްޓާ" ހާސިލްކޮށްފައިވުން ހިމެނެ އެވެ. އަދި އެ މާއްދާތަކުގެ ތެރޭގައި ހިސާބު، ފިޒިކްސް، ފާދާ މެތަމެޓިކްސް، ކެމެސްޓްރީ ނުވަތަ ކޮމްޕިއުޓާ ސައިންސް ހިމެނެން ޖެހެ އެވެ.
މީގެ އިތުރުން ޖީސީއެސްސީ/އައިޖީސީއެސްއީ އިމްތިހާނުގެ އިނގިރޭސި މިމާއްދާއިން ބީ/6 ނުވަތަ އެއާ އެއްވަރުގެ އެހެން ފާހެއް އޮންނަން ޖެހެ އެވެ.
މި ސްކޮލަޝިޕް ފުރުސަތުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޮޕްރީލް 30އާ ހަަމައަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސްޓެލްކޯގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.