ދަނޑުވެރިކަމާއި ތިމާވެއްޓަށް ކުރިމަތިވަމުންދާ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރުކާރުގެ އިސް ވުޒާރާތަކުގެ މަންދޫބުން މިއަދު ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި، ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހީމްގެ އިތުރުން އީޕީއޭ އާއި ސިޓީސް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވިގޮތުގައި، މި މަޝްވަރާތަކުގައި އިސްކަމެއް ދެވުނީ ކާޅާއި، ވާ، ރުއްގަހުގެ ބަލިތަކާއި، ދަނޑުބިން ލިބުމުގެ ދަތިކަމާއި، ސޫފާސޫފި އަދި ޖަނަވާރު އެތެރެކުރުމުގެ މައްސަލަތަކަށެވެ. މި ކަންބޮޑުވުންތަކަކީ ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަމަށާއި ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އަސަރުކުރާނެ މައްސަލަތަކެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ދަނޑުތަކާއި ރާއްޖޭގެ އަސްލު ރުއްގަސް ނެތިގެންދިއުމާއި، ބޭރުގެ ބާވަތްތައް ތައާރަފުކުރެވެމުންދިއުމުން ތިމާވެއްޓަށާއި ސަގާފީ ތަރިކައަށް ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. "ވާ އަދި ބުޅަލަކީ ތިމާވެށީގެ މުހިންމު ބައެއް ކަމަށާއި، އެ ތަކެތީގެ ވެށި ހިމާޔަތްކުރުމަކީ ވަރަށް މުހިންމު ކަމެއް" ކަމުގައި ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ގުދުރަތީ ވެށްޓާ ގުޅިލާމެހިފައިވާ، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމާއި، ދަނޑުވެރިކަން ރައްކާތެރިކޮށް، ދަނޑުވެރިންނަށް އެހީތެރިވެދެވޭނެ ގޮތްތައް ދެނެގަތުން ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި މި މަޝްވަރާތައް އިތުރަށް ކުރިއަށް ގެންގޮސް، ތިމާވެއްޓަށާއި މުޖުތަމައުތަކަށް ފައިދާކުރާނެ އަމަލީ، ސައިންސަށް ބިނާކޮށްފައިވާ ހައްލުތަކަށް މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ