ނިމިދިޔަ ފެބްރުއަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2.4 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 5.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5.1 އިންސައްތަ އިތުރު އަދަދެކެވެ. މީރާގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި، ފާއިތުވި އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަންނަން ފެށުމާއި، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވެފައިވުމުންނެވެ.
މީރާ އިން ފާހަގަކޮށްފައިވާ ގޮތުގައި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފާރާތްތަކުން ނަގާ ޓެކުހުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމުން މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވެފައިވެއެވެ. މީގެއިތުރުން މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވެފައިވުމުން ގްރީން ޓެކުހާއި އެއާޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވެއެވެ.
މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 1.23 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު އެއީ ޖުމްލަ އާމްދަނީގެ 49.8 އިންސައްތައެވެ. އިންކަމް ޓެކުހުގެ ގޮތުގައި މިދިޔަ މަހު 401.4 މިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 307.2 މިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ.
ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ މަހު 149.7 މިލިއަން ރުފިޔާ ބަލައިގަތް އިރު، ޑިޕާޗާ ޓެކުހުގެ ގޮތުގައި 102.4 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 98.7 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ. މިދިޔަ މަހު މީރާއަށް އާމްދަނީގެ ގޮތުގައި 118 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.