މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފިއެވެ.
އެ މިނިސްޓްރީ އިން ބުނީ މިނިސްޓަރު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) ގެ ދަޢުވަތަކަށް އަންހެން ދަރީންނަށް ތަޢުލީމު ދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ކޮންފަރެންސްގެ ޢިލްމުވެރިންގެ ސެޝަންގައި ވަޒީރު ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި މިނިސްޓަރު ޑރ ޝަހީމަކީ މުސްލިމު ވޯލްޑްލީގްގެ ސްޕްރީމް ކައުންސިލްގެ މެންބަރެއް ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެއެވެ.
މިނިސްޓަރު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ 2 ދުވަހުގެ ދަތުރުފުޅެކެވެ.
މި ކޮންފަރެންސްގައި އިސްލާމީ ގައުމުތަކުގެ އިސްވެރިންނާއި ކަމާ ގުޅުންހުރި ސަރަހައްދީ އަދި ބައިނަލްއަގުވާމީ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ރިސާޗް ސެންޓަރުތަކާއި ފަތުވާ ކައުންސިލްތަކުންނާއި ބޮޑެތި އިސްލާމީ ޔުނިވާސިޓީތަކުންނާއި އިސްލާމީ ޔުނިވާސިޓީތަކުގެ ލީގުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވެއެވެ.